ޚަބަރު

އިންތިޚާބަށްފަހު 100 އަށްވުރެގިނަ ފަހަރު މަރުގެ އިންޒާރުދީފި - އާޒިމާ


ރިޔާސީ އިންތިޚާބު ނިމުނު ފަހުން އެކި ފަރާތްތަކުން 100 އަށްވުރެ ގިނަ ފަހަރު އެކަމަނާއަށް މަރުގެ އިންޒާރު ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާޒިމާ ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި، ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް އެކަމަނާ ކޯޓަށް ވަޑައިގެންނެވިކަމަށްބުނެ ބަޔަކު ފެތުރި ދޮގު މައުލޫމާތާ ގުޅިގެން އެކި މީހުން އެކަމަނާއަށް ގުޅައި މަރުގެ އިންޒާރުދީ، ބިރުދައްކަމުންދާކަމަށެވެ. އަދި ސަމާލުވެ ހުންނެވުމަށް އިންޒާރުދީ، އެކަމަނާގެ ކާރުކޮޅުގެ ނަންބަރު ހޯދުމަށް ގުޅައި ބިރުދައްކަމުންދާކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބު އޮތް ދުވަހުން ފެށިގެން މިއަދާހަމައަށް 100 އަށްވުރެގިނަ ފަހަރު އެކި މީހުން އެކަމަނާއަށް މަރުގެ އިންޒާރު ދީފައިވާކަމަށް އާޒިމާ ވިދާޅުވިއެވެ.

މިއީ ޑިމޮކްރަސީތޯ އެކަމަނާ ސުވާލުކުރައްވާފައިވެއެވެ.

ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް މައްސަލަ ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ކޯޓަށް ވަޑައިގެންނެވިކަމަށްބުނެ ވާހަކަތައް ފެތުރެން ފެށުމާއެކު އެކަމަނާވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ބުނެއެވެ.