ޚަބަރު

ރިޔާސީ އިންތިޚާބުގެ ނިންމުން ސަލާމަތީ ބާރުތަކުން ދަމަހައްޓާނެ


ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުން ނިންމާފައިވާ ނިންމުން ދަމަހައްޓާނެކަމުގެ ކަށަވަރުކަން ސަލާމަތީ ބާރުތަކުން ދީފިއެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑެތި މައްސަލަތަކެއްއުޅޭކަމަށްބުނެ އިންތިޚާބު ބާޠިލުކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން ދިވެހި ސިފައިންގެ ތަރުޖަމާއު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، 23 ސެޕްޓެމްބަރ ގައި ދިވެހިރައްޔިތުން ބޭނުންވާގޮތް ނިންމާފައިވާކަމަށާއި، ދިވެހި ސިފައިން ރައްޔިތުން ނިންމި ނިންމުން ދަމަހައްޓާނެކަމުގެ ކަށަވަރުކަންދޭކަމަށެވެ. މިކަމާގުޅޭގޮތުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުން ނިންމި ނިންމުން ފުލުހުން ދަމަހައްޓައި، އެ ނިންމުމަށް ފުލުހުން އިޙްތިރާމް ކުރާނެކަމަށެވެ.

ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. ޕީޕީއެމާއި، ރައީސް ޔާމީންވެސް ވަނީ މި ނަތީޖާ ޤަބޫލުކުރައްވާފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ޕީޕީއެމުން ކޯޓަށް ހުށަހަޅަން އުޅޭކަމަށް އަޑުފެތުރުމާ ގުޅިގެން ޕީޕީއެމުން ފަހުން ވަނީ އެކަން ދޮގުކޮށްފައެވެ.