ޚަބަރު

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން ފަސްކުރަން ޕީޕީއެމުން އެދިފައެއް ނުވޭ- ޝަރީފް


ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން ފަސްކުރުމަށް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ޕީއެސްްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރަން ފަސްކުރަން ޕީޕީއެމުން އެދިފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ޕީޕީއެމަށް ފާހަގަވެފައިވާ މައްސަލަތަކެއް ހުރިކަން ޕީޕީއެމުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން ޤާނޫނުގައި ދާއިމީ ނަތީޖާ އިޢުލާންކުރަން ބުނެފައި އޮތް އެންމެފަހު ތާރީޚުގައި ދާއިމީ ނަތީޖާ އިޢުލާންކޮށްދިނުމަށް ޕީޕީއެމުން އެދިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ޤާނޫނުގައި ބުނާ މުއްދަތުގައި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރައްވާނޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޕީޕީއެމުން މައްސަލަތަކެއް ފާހަގަކޮށްފައި ވީނަމަވެސް، އެކަމުގެ ތަފްސީލެއް ޝަރީފު ހާމައެއް ނުކުރައްވައެވެ.

އިންތިޙާބާ ބެހޭ ޤާނޫނޫތައް ބުނާގޮތުން ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރާތާ 7 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރަންޖެހެއެވެ. އެހެންކަމުން އަންނަ އާދީއްތަދުވަހު ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރަންޖެހެއެވެ.