ޚަބަރު

ހަވަނަ އިންޓަރޕޯލް ގްލޯބަލް ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ


ނައިޖީރިއާގެ އަބޫޖާގައި ކުރިއަށްދާ "ސިކްސްތް އިންޓަރޕޯލް ގްލޯބަލް ކޮންފަރެންސް އޮން ހިއުމަން ޓްރެފިކިންގ އެންޑް މައިގްރެންޓް ސްމަގްލިންގ" ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މިކޮންފަރެންސްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެކޮމިޝަންގެ ރިސަރޗް އޮފިސަރ، ނާޞިރާ އިޤްބާލްއެވެ. މި ކޮންފަރެންސްގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާބެހޭގޮތުން އޭސީސީން ތައްޔާރުކޮށްފައިވާ ދިރާސާގެ މައްޗަށް ކަރުދާހެއް ހުށަހެޅިއެވެ.

މި މަހުގެ 24 އިން 25 އަށް އިންޓަރޕޯލް އިން ކުރިއަށްގެންދާ މި ކޮންފަރެންސްގައި 70 ގައުމަކުން 500 އަށް ވުރެ ގިނަ ތަޖުރިބާކާރުން ހިއުމަން ޓްރެފިކިން އަދި މައިގްރެންޓް ސްމްގްލިން އާ ގުޅޭ ގޮތުން މަޝްވަރާކުރިއެވެ. އަދި މިދާއިރާގައިހުރި ދަތިތަކާއި ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ.