ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް މިމަހު 28ގައި ބާއްވަނީ


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކޮންގްރެސް މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން، ހާއްސަ ގޮތުން ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާއެއް ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި މިޤައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ ހުކުރުދުވަހު އަދި 29 ވާ ހޮނިހިރު ދުވަހު މަލޭގައިކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމްގެ ޤައުމީ ޖަލްސާ ބޭއްވުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމާފައިވާއިރު ޕީޕީއެމްގެ ކުރީގެ ރައީސް، މައުމޫނަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ މިކަން ނުކުރެވޭނޭކަމަށް ބުނަމުންނެވެ. އެފަރާތްތަކުން ބުނާގޮތުން ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕް ޕާޓީއާ ޙަވާލުވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ.

ނަމަވެސް ޕާޓީގެ މުޝްތަޝާރާއި ޕީޕީއެމް ޙަވާލުކޮށްފައިވަނީ ސިވިލް ކޯޓުންކަމަށް ޕީޕީއެމްގެ ލީޑަރޝިޕުން ފާހަގަކުރެއެވެ.