ޚަބަރު

އެއްވެސް ޝަރުތަކާ ނުލައި މަޙްލޫފް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި


މަހްލޫފް، އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި.
މިގޮތަށް އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް އަމަލެއް ހިންގުމުގެ މައްސަލައިގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގައެވެ.

މަޙްލޫފުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުނު ކަމުގެ ދަޢުވާއެވެ. އެއީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ޢަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާފުށި ޖަލު ކައިރީގައި ތިބެ ކުރި މުޒާހަރާއަކާއި ގުޅިގެންނެވެ. އެހެންކަމުން މަޙްލޫފުގެ ޝަރީޢަތް ނިމެންދެން މިދިޔަ އޭޕްރީލު މަހު ވަނީ ޝަރީޢަތް ނިމެންދެން ގޭ ބަންދުކޮށްފައެވެ.

ބަންދު ރިވިއު ކުރުމަށް މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ މަޙްލޫފުގެ ފަރާތުން އިއްޔެ ބަންދު ރިވިއު ކުރުމަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ބޭއްވި ޝަރީޢަތުގެ މަޖިލީހެކެވެ.

ޝަރީޢަތުގެ މަޖިލީހުގައި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ނާޝިދު ވިދާޅުވީ ބަންދު ރިވިއުކުރަން މަޙްލޫފްގެ ފަރާތުން ހުށަހަޅާފައިވާކަން ކްރިމިނަލް ކޯޓުން އަންގާފައިވާތީ އެކަން ފުލުހުން މެދުވެރިކޮށް ބަލާފައިވާ ކަމަށެވެ. އަދި މަޙްލޫފް ގޭބަންދުގައި ހުރި މުއްދަތުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައިނުވާތީ އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ދަޢުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ އެއްވެސް ޝަރުތަކާއި ނުލައި މަޙްލޫފް ބަންދުން މިނިވަން ކުރުމަށެވެ.