ޚަބަރު

އިބްރާޙީމް މުޙައްމަދު ސާލިޙް އިންތިޚާބު ކާމިޔާބުކުރެއްވުމުން މާލޭގެ މަގުތައް ފުރާލައިފި


ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބުނު ކާމިޔަބީ ފާހަގަކުރުމަށް އެމްޑީޕީއާ އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު އުފާފާޅުކުރަމުން އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޫ އަދި މިހާރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީއާ އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ރޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކައިރިއަށް ޖަމާވެފައެވެ.

މި އެއްވުމަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވަނީ ރައްޔިތުންނާ ބައްދަލުކޮށް މި އުފާފާޅުކުރުމުގައި ބައިވެރިވެފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް، އިބްރާހިމް މުޙައްމަދު ޞާލިހު ރިޔާސީ އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެކި ޙަރަކާތްތައް ކުރިއަށް އެބަގެންދެއެވެ.