ޚަބަރު

ނޮވެމްބަރ 17ގައި އިބްރާޙީމް މުޙައްމަދު ޞާލިޙު ހުވާ ކުރައްވާނެ - ސަރުކާރު


އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެން ކަންކަން ކުރިއަށްގޮސްފައިވަނީ ވަރަށް އަމާން އޮމާން ކަމާއެކުގައި ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެފަދަ އެއްވެސް ކަމެއް އިންތިޚާބު ކުރިއަށްދިޔައިރު ވެފައި ނުވާކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ރިކޯޑު ޢަދަދަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮބްޒަރވަރުންނާއި މޮނިޓަރުން ހިމަނައިގެން ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާނެ ކަމަށެވެ.