ޚަބަރު

މެލޭޝިޔާގެ ބޭންކަކަށް ގިނަ ޢަދަދެއްގެ ޑޮލަރު އިބޫ ޖަމާކުރި ކަމަށްބުނާ ލިޔުމެއް ޢާންމުވެއްޖެ


އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާޙީމް މުޙައްމަދު ޞޯލިޙާއި އެޕާޓީގެ ޗެއާރޕާސަން ގެ ނައިބު އަލީ ނިޔާޒު މެލޭޝިޔާގެ ބޭންކަކަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމަކީ މެލޭޝިޔާގެ ކޮމާރޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ރާއްޖޭގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒަށް ފޮނުވާފައިވާ ލިޔުމެކެވެ.

މި ލިޔުމުގައިވާ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު މެލޭޝިޔާގެ ޑޯޗޭ ބޭންކަށް 56 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާޙީމް މުޙައްމަދު ޞޯލިޙް ވަނީ ޖަމާކޮށްފައެވެ. އަދި އެމްޑީޕީގެ ޗެއާރޕާސަންގެ ނާއިބު ޢަލީ ނިޔާޒު ، ހަމަ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފަސް މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ޑޯޗޭ ބޭންކަށް ޖަމާކޮށްފައެވެ.

ދައުރުވަމުންދާ މި ލިޔުމުގައި މެލޭޝިޔާގެ ކޮމާރޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ކޮމިޝަނަރ އޮފް ޕޮލިސް ރާއްޖޭގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްއަށް ދަންނަވާފައިވަނީ މެލޭޝިޔާގެ އެކި ބޭންކުތަކަށް ރާއްޖޭގެ އެކި ފަރުދުން ޖަމާ ކުރަމުންދާ ފައިސާގެ ތެރެއިން ގޮތް ނޭނގި ޖަމާވަމުންދާ ގިނަ ޢަދަދެއްގެ ފައިސާގެ މުޢާމަލާތްތައް ރާއްޖޭގެ ފުލުހުންގެ މުޢައްސަސާގެ އެދުމުގެ މަތިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ދައުރުވަމުންދާ ލިޔުމުގައި ބުނެފައިވަނީ އެ ލިޔުމާއިއެކު އިބްރާޙީމް މުޙައްމަދު ޞޯލިޙާއި އަލީ ނިޔާޒުގެ ބޭންކް ސްޓޭޓްމަންޓުތައް އެޓޭޗްކުރެވިފައިވާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާން އަޙްމަދު ޝިފާން ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުން ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ފުލުހުން ކުރަމުން ގެންދާ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ލިޔުން ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު އެމްޑީޕީ އޮފީހަށް ފުލުހުން ވަދެފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އަދި އެޕާޓީގެ އޮފީސް ބަލާ ފާސްކުރަމުންދާ ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.