ޚަބަރު

ވޯޓުލުމުގެ ޒިންމާ އަދާކުރާއިރު ނަތީޖާ ނިކުންނާނެ ގޮތަކާއި މެދު ވިސްނަންޖެހޭ!


ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވާއިރު މިއަހަރުގެ އިންތިޚާބުގައި ވާދަ ކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އިދިކޮޅު ކޯލިޝަނެއްގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ އިބްރާޙީމް މުޙައްމަދު ޞޯލިޙުއެވެ. އިންތިޚާބުގައި މާދަމާ ވޯޓުލާން ދިވެހި ރައްޔިތުން ނިކުންނައިރު ދެ ކެންޑިޑޭޓުންނާއި މެދު ވިސްނާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދާދިފަހަކާއި ޖެހެންދެން އަޅުގަނޑުމެން އަޅާ ކިޔަމުން ދިޔައީ ދެ ކެންޑިޑޭޓުންގެ ސިޔާސަތުތަކަށެވެ. ނަމަވެސް އަޅުގަނޑު ދެ ކެންޑިޑޭޓުންގެ ސިޔާސަތުތައް އެއްކާރި ކޮށްލާނަމެވެ. މިފަހަރު ދެ ކެންޑިޑޭޓުންގެ ޤާބިލިއްޔަތު ކަމާއިމެދު ވާހަކަދައްކާލަމާ ހިނގާށެވެ.

ރައީސް ޢަބްދުﷲ ޔާމީނާއި އިބްރާޙީމް މުޙައްމަދު ޞޯލިޙާ ދެބޭފުޅުންނަކީވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން މަޖިލީހުގައި މަސައްކަތްޕުޅު ކުރެއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ތަފާތުތަކެއް އެބަހުއްޓެވެ. ރައީސް ޔާމީން ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މަޖިލީހުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނު ވަނީ ރައްޔިތުންނާއި ގުޅޭ އެތައް ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި އެތައް ޤާނޫނަކަށް އެމަނިކުފާނު ވަނީ އިޞްލާޙު ހުށަހަޅާފައެވެ. އެތައް ބިލަކަށް ޢިލްމީ ބަހުސްތަކެއް މަޖިލީހުގައި ވަނީ ކުރައްވާފައެވެ.

އިބްރާހީމް މުޙައްމަދު ޞޯލިހަކީ މަޖިލީހުގައި ޅ. އަތޮޅުގެ މެންބަރުންކަން އެތައް ޒަމާންތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މަޖިލީހުގައި އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގައި ރައްޔިތުންނާއި ގުޅޭ ގޮތުން ހުށަހަޅާފައިވަނީ މަދު ބިލު ތަކެކެވެ. ޤާނޫނުތަކަށް އިޞްލާހު ހުށަހަޅާފައި ވަނީ ދެތިން ފަހަރަކުއެވެ. ބިލުތަކަށް ބަހުސް ކުރައްވަން ހުޅުވާލާ ފުރުޞަތުގައި ބަހުސް ކުރައްވާފައި ވަނީ ވެސް އަތުގެ އިނގިލިތަކުން ގުނާލެވޭ ފަހަރުތަކުގައެވެ.

ދިވެހިރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތަޢާރަފުވެގެން އައިރު އިބްރާހީމް މުޙައްމަދު ޞޯލިހަކީ މިއަދުވެސް އަދި މީގެކުރިންވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެވެ. ރައީސް ޔާމީނަކީވެސް އެމަނިކުފާނު 2013ވަނަ އަހަރު ރައީސް ކަމަށް ކުރިމަތިލެއްވިއިރު ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރެވެ. މިކަމުގައިވެސް ތަފާތުތަކެއް އެބަހުއްޓެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕީޖީ ލީޑަރުކަމުގައި އޭރުގެ ސަރުކާރަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާފައެވެ. މަޖިލީހުގައި ދިމާވެފައިވާ ހުރިހާ މައްސަލަތައް ޙައްލު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސް ޔާމީނުއެވެ. ސަރުކާރަށް ދަތިވާ އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ކުރައްވާފައެއްނުވެއެވެ. ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަހުސްކުރައްވާ ގެންނަންޖެހޭ އިޞްލާޙުތައް ގެންނަވާފައިވާއިރު ދަޢުލަތުގެ ބަޖެޓަށް ދުވަހަކުވެސް ވޯޓު ދެއްވާފައެއް ނުވެއެވެ.

ނަމަވެސް އިބްރާހީމް މުޙައްމަދު ޞޯލިހު ކަންތައް ކުރައްވާފައި ވަނީ ކިހިނެއްތޯއެވެ.
އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނާއި ޚިލާފަށް ހިންގެވި އެތައް ކަންތައްތަކެއްގައި އެމަނިކުފާނު ހުންނެވީ ހަނެވެ. މަޖިލީހުގައި ކުރިމަތިވާ މައްސަލަތަކުގައި މަޝްވަރާ ކުރުމަށް އިސްވެ މަސައްކަތްޕުޅު ކުރައްވާފައެއްނުވެއެވެ. ގިނަ ފަހަރު އެފަދަ މައްސަލަތަކުގައި އެމަނިކުފާނު އަންނަނީ ރެކިވެވަޑައިގަންނަވަމުންނެވެ. ސަރުކާރަށް އެއްބާރުލުން ނުދިނުމުގައި އެމަނިކުފާނު އަންނަނީ ނަމޫނާ ދައްކަވަމުންނެވެ. ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހުންނަވާ ރައީސް ޔާމީންގެ ސަރުކާރުން ހުށަހަޅާފައިވާ އެއްވެސް ބަޖެޓަކަށް ވޯޓެއް ދެއްވާފައެއްނެތެވެ. ވޯޓު ނުދެއްވާ ތަނުގައި ޢިލްމީ ގޮތުން އެއްވެސް ވަރަކަށް ބަޖެޓަށް ބަހުސް ކުރައްވާފައެއްނުވެއެވެ. މަޖިލިސް ބަންދު ދުވަސްތަކުގައި ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫ އަޅުވާލުމަށްފަހު މަޖިލީހަށް ވަނުމަށްޓަކައި އެތައް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިއީ ޤައުމުގެ ވަލީޢުލް އަމުރުގެ މަޤާމަށް އައުމަށްޓަކައި މަސައްކަތް ކުރާ ބޭފުޅާ މަޖިލީހުގައި އުޅުއްވި ގޮތެވެ.

ދެން އޮތީ ދަޢުލަތް ހިންގުމުގެ ޤާބިލިއްޔަތުކަމާއި ތަޖުރިބާއެވެ. ރައީސް ޔާމީނަކީ މިއަދު ދިވެހިން ދެކެމުން މިއަންނަ ޢުމްރާނީ ތަރައްޤީގައި ބޮޑު ޙިއްޞާއެއް އޮތް ބޭފުޅެކެވެ. ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި އެމަނިކުފާނު ވަނީ އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. ރާއްޖޭގެ ޓްރޭޑް މިނިސްޓަރު ކަމުގައި ހުންނަވާ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ދިވެހި އެންމެހާ ރައްޔިތުން އެކަމަށް ހެކިވާނެ ކަމެކެވެ.

ރާއްޖޭގެ ކުންފުނިތައް ހަރުދަނާ ކުރުމަށް އެމަނިކުފާނު އެތައް މަސައްކަތްތަކެއް ކުރައްވާފައި އެބަހުއްޓެވެ. އެގޮތުން އެސްޓީއޯ އަދި ސްޓެލްކޯ ފަދަ ކުންފުނުތަކަކީ ރައީސް ޔާމީންގެ ޤާބިލިއްޔަތުކަން ހާމަވެގެންދާނެ ކުންފުނިތަކެކެވެ. އެ ކުންފުނިތަކަކީ ދިވެހި ދަޢުލަތަށް ފައިދާވާ ކުންފުނިތަކަކަށް ހެދުމަށް ރައީސް ޔާމީން ކުރައްވާފައިވާ މަސައްކަތްތަކަކީ އެފަދަ ދެވަނައެއްނުވާ މަސައްކަތްތަކެކެވެ. ދެން އޮތީ ޤައުމުގެ ވަލީޢުލް ޢަމުރުގެ މަޤާމުގެ ވާހަކައެވެ. އެވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސަބަބަކީ އެމަނިކުފާނަށް ޤައުމުގެ ވެރިކަން ހިންގިދާނެތޯ މިއަދު ދިވެހި އެއްވެސް ރައްޔިތަކު ސުވާލު ކުރުމުގެ ޖާގަ ނެތުމެވެ. މިއަދު ރާއްޖެއަށް އަންނަމުން މިދާ ކުރިއެރުމަކީ އެމަނިކުފާނުގެ މަސައްކަތްޕުޅެވެ. މިއަދު ދިވެހިން ދެކެމުން މިއަންނަ ޒަމާނީ ތަރައްޤީގެ ބާނީއަކީ ޚުދު ރައީސް ޔާމީނެވެ.

މިފަދަ އެއްވެސް ވާހަކައެއް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ދެއްކޭކަށް ނެތެވެ. ސަބަބަކީ އިދާރީ ހިންގުމުގައި އެމަނިކުފާނުގެވެސް އެއްވެސް ތަޖުރިބާއެއް ނެތުމެވެ. ޤައުމުގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތަކަށް އަންނަންޖެހޭނީ ތަޖުރިބާ ހުރި ބޭފުޅެކެވެ. ކިތަންމެ ގިނަ ދުވަހަކު މަޖިލީހުގައި މަސައްކަތް ކުރެއްވި ނަމަވެސް އިދާރީ އެއްވެސް ތަޖުރިބާއެއް ނެތުމަކީ ޤައުމުގެ ވަލީޢުލް ޢަމުރުގެ މަޤާމަށް އެމަނިކުފާނު ކުފޫ ހަމަނުވާ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް ދިވެހި އެތައް ރައްޔިތުންނެއް އަންނަނީ ބުނަމުންނެވެ.

ދިވެހި ރައްޔިތުންގެ މި ވާހަކަތަކުން އެނގިގެންދާ އެއް ކަމަކީ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ކިބައިގައި ޤައުމެއް ހިންގުމުގެ ތަޖުރިބާއެއް ނެތުމުން ރައްޔިތުންގެ ވެރިއަކަށް އެމަނިކުފާނު ޢައްޔަން ކުރަން ރައްޔިތުން ދެކޮޅު ހަދާ ކަމެވެ. މާދަމާގެ އިންތިޚާބުގައި ވޯޓުލާން ރައްޔިތުން ނިކުންނައިރު މި ކަންކަމުގެ މައްޗަށް ބަލާލުމަކީ ވަރަށް މުހިއްމު ކަމަކެވެ. މި ދެބޭފުޅުންގެ ޤާބިލއްޔަތުކަމާއި ތަޖުރިބާއަށް ބަލާއިރު އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސިޔާސަތުތައް އޮންނާނެ ގޮތް ރައްޔިތުން ވިސްނާލުން މުހިއްމެވެ.