ޚަބަރު

އައްޑޫ ސިޓީގައި ރައީސް ޔާމިންއަށް އޮތް ތާޢީދު ދައްކާލައިފި


އައްޑޫ ސިޓީގައި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް އޮތް ތާޢީދު ދައްކާލައިފިއެވެ. އައްޑު ސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަނީ ރިކޯޑް ޢަދަދަކަށް އައްޑޫ ސިޓީގެ އެކި އަވަށްތަކުން ޕީޕީއެމްއަށާއި ރައީސް ޔާމިންއަށް ތާޢީދުކުރާ ސަޕޯޓަރުން ބައިވެރިވެފައެވެ.

މި ޖަލްސާގައި ވާހަކަފުޅުދެއްކެވި ބޭފުޅުންވަނީ ވޭތުވެ ދިޔަ ފަސްއަހަރަކީ މުޅި ރާއްޖެއަށްވެސް އެންމެ ފާގަތި ދުވަސްތަށްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހިން ދުވަހަކުވެސް އުންމީދުނުކުރާފަދަ ކުރިއެރުންތަށް ރައީސް ޔާމީން ޤައުމަށް ގެންނަވައި ހަޤީޤަތަކަށް ހައްދަވައިދެއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެމްޑީޕީގެ މެޖޯރިޓީއޮތް އައްޑޫ ސިޓީގެ ވިސްނުން މުޅިން ބަދަލުވެގެންދިޔުންކަން އެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވަނީ އެމަނިކުފާނުގެ ދެވަނަ ދައުރުގައިވެސް އައްޑޫ ސިޓީގައި ތަރައްޤީގެ ބޮޑެތި މަޝްރޫތަކެއް ހިންގަވާނެކަމުގެ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން މީދޫއާއި ހިތަދޫ ބްރިޖްއަކުން ގުޅާލާނެކަމުގެ ވަޢުދުވެވަޑައިގަންނަވާފައިވާއުރު، އެމަނިކުފާނުވަނީ އައްޑޫ ސިޓީ ހިތަދޫގައި އިސްލާމިކް ސެންޓަރެއް ޤާއިމުކުރައްވާނެކަމުގެ ވަޢުދުވެވަޑައިގެންފައެވެ. ރައީސް ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރާއި ހަމައަށް ދިވެހި ސަރުކާރުބްވަނީ ޖުމްލަ 2.18 ބިލިއަން ރުފިޔާ އައްޑޫ ސިޓީގެ އެކި ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކޮއްފައެވެ.