ޚަބަރު

ޕީއެސްއެމްގެ މައި މަރުކަޒު ޤާއިމްކުރާނީ ހުޅުމާލޭގައި- އިކްރާމް


ޕަބްލިކް ސަރވިސް މީޑިއާގެ މައި މަރުކަޒު ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާކަމަށް، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޕީއެސްްއެމްގެ ބިއުރޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަފުޅުދައްކަވަމުން، އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ މައި މަރުކަޒު ހުޅުމާލޭގައި ޤާއިމްކުރުމަށް ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން ނިންމާ، އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގައި ޢިމާރާތްކުރާ ޕީއެސްއެމްގެ މައި މަރުކަޒު ވެގެންދާނީ ރާއްޖޭގައިވެސް ހުރި އެންމެ ރީތި، އެންމެ ފުރިހަމަ ޢިމާރާތަށްކަމަށެވެ.

ޕީއެސްއެމުން ހުޅުމާލޭގައި ހުޅުވި ޕީއެސްއެމްގެ ބިއުރޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ ކުރިއަށް އޮތްތާނގައި ހުޅުމާލޭގެ ޙަބަރުތައް ގެނެސްދިނުމުގެ އިތުރުން، ހުޅުމާލޭ ބިއުރޯއިން ޙަބަރުވެސް ކިޔާނެކަމަށެވެ.

މިރަސްމިއްޔާތުގައި އެޗްޑީސީގެ ސީއީއޯ އަހުމަދު ބުންޔާމީން ވިދާޅުވީ ހުޅުމާލޭގައި ގިނަ ކަންތައްތަކެއް ހިނގަމުންދާއިރު، ޕީއެސްއެމްގެ ބިއުރޯގެ ސަބަބުން ޙަބަރުތައް ތާޒާކަމާއެކު ހުޅުމާލޭ ރައްޔިތުންނަށް ގެނެސްދެވިގެންދާނެކަމަށެވެ.

ހުޅުމާލެ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި ޤާއިމްކޮށްފައިވާ ޕީއެސްއެމްގެ ބިއުރޯ ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމްއާއި އެޗްޑީސީގެ ސީއީއޯ އަހުމަދު ބުންޔާމިންއެވެ. މިރަސްމިއްޔާތުގައި ޕީއެސްއެމްގެ އިސްވެރިންނާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.