ޚަބަރު

ޤައުމު ތަރައްޤީކުރާނީ ޒުވާނުންގެ ބޮޑު ޙިއްސާއާއެކު - ރައީސް


ޤައުމު ބިނާކުރަން ބޭނުންވަނީ ޒުވާނުންގެ ބޮޑު ޙިއްސާއަކާއެކު ކަމަށާ، މި ސަރުކާރުން ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނީ މި ސަބަބަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންނަކީ ޤައުމުގެ ކުރިމަގު ކަމުގައި ބުނަމުން ދިޔަނަމަވެސް، އެ ފަރާތަތަކުގެ ލާބަޔާއި މަންފާއަށް މީގެކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އަދި އެޒުވާނުން މީގެކުރިންތިބީ މާޔޫސްވެ، ނާއުންމީދުވެފައިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުން ޒުވާނުންގެ ކުރިމަގަށް ވިސަނައިގެން އެއްވެސް ފުރުސަތެއްް ފަހިކޮށްދިނުން ނުވަތަ ޕްލޭނެއް ހަދާފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޤައުމުގެ ކުރިމަގަކީ ޒުވާނުންކަންދެކެ، އެމީހުންނަށް އާމްދަނީ ލިބޭނެ ދޮރުތަކާއި، ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކޮށްފައިނުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ޒުވާނުން ބޭނުންކުރަންވާނީ ޤައުމު ބިނާކުރުމަށް. އެއީ ދަނޑުވެރިކަން ވިއަސް، ލޯންޗުދުއްވާ މީހަކުވިއަސް، ރައީސްކޮށްދޭ މަސައްކަތަކީ ޒުވާނުންނަށް ޢާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުން. ކޮންމެ ޒުވާނަކުވެސް އަމިއްލަ ނަފްސުގެ މައްޗައް އިތުބާރު އޮންނަންވާނެ، ފައިސާއާއި މީހުންގެ ނުފޫޒަށް ވިކިގެން ނުވާނެ"

ވޭތުވެދިޔަ ފަސް އަހަރުދުވަހުގެތެރޭގައި މި ސަރުކާރުންވަނީ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން އެއްލައްކައަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންނަށް ޢަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި، ވިޔަފާރިފެށުމަށް ލުއިލޯނު ދޫކުރުމާއި، އެކި ދާއިރާތަކުން ސަރުކާރުގެ ޚަރަދުގައި ޒުވާނުންނަށް ތަޢުލީމާއި ތަމްރީންދިނުން ހިމެނެއެވެ.