ޚަބަރު

ކޮރަޕްޓް ނަމަ ވެރިކަމަށް ކުރިމައްޗެއް ނުލާނަން - ރައީސް


އެންމެ އުފާވަނީ ސިޔާސީ އިސްފަރާތްތަކުން ނުވާނޭ ބުނެ ގޮންޖަހާލި ކަންކަން ރައްޔިތުންނަށް ހަޤީގަތަކަށް ހަދައިދެވެމުންދާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވީ ވެރިކަމުގެ 5 އަހަރުގައި ރާއްޖޭގެ ރައްޔިތުންނަށް ހީވެސް ނުކުރާހާ ފަދަ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދާދެވިފައިވާކަމަށެވެ. އެގޮތުން އެތައް ސިޔާސީ ލީޑަރުންނެތް ނޭޅޭނެކަމަށްބުނި ބުރިޖާއި، ގޮނޑެއްހެން އޮތް މާލެ ރައްޔިތުންނަށް އުޅެވޭ ސާފު ހިތްފަސޭހަތަނަކަށް ހެދުމާއި، އެއަރޕޯޓް ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއި، އަދި ނާމާންވެފައިވާއޮތް ރާއްޖޭގެ މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާއިރު، މި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުގެ ޤާބިލުކަން ރައްޔިތުންނަށް ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނާ ބެހޭގޮތުން ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތު ތަކަކީ ޙަޤީޤަތެއްނަމަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ނުލައްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" އަޅުގަނޑުގެ ފަހަތުގައި ކޮރަޕްޝަން އޮތްނަމަ ރައީސްކަމުގެ މަޤާމަށް ކުރިމަތި ނުލާނަން. ކޮރަޕްޝަން އޮތްނަމަ މިހާ ބޮޑެތި ތަރައްޤީއާއި ކުރިއެރުން މި ޤައުމަށް ނުގެނެވޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް މި ސަރުކާރުގެ އިސްސަފުގައި ތިބި މީހުންނަކީ ޤައުމު ހިންގައި، ޤައުމުގެ ކަންކަމަށް ޖަވާބުދާރީވެވޭ ފެންވަރުގެެ މީހުންކަމަށެވެ.

"ސަރުކާރު ދިފާއުކޮށް، ޖަވާބުދާރީ ވެވެންޖެހޭނެ. އެ ސްޓްރެންތް އެބަހުރި މިހާރުގެ ހުރިހާ ވަޒީރުންގެވެސް. އެ އަޒުމް ނެތް މީހުންނަށް ސިޔާސީ ދާއިރާއަކު ނޫޅެވޭނެ. މިހާރުގެ ވަޒީރުންނަށް އެމީހުންގެ ދާއިރާއާއި ގުޅޭ ކޮންމެ ސުވާލަކަށް ޖަވާބުދެވޭނެ". ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ދެއްވި މި ޚާއްޞަ އިންޓަރވިއުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ވެރިކަމުގައި ދިމާވިހާ ގިނަ ގޮންޖެހުންތައް ދިމާވި ރައީސަކު ރާއްޖޭގައި ވެރިކަން ކޮށްފައި ނުވާކަމަށެވެ. އެގޮތުން ނާއިބު ރައީސަކު ފަހަތުގައި ހުރެގެން ސީދާ ރައީސް އަވަހާރަކޮށްލުމަށް މަސައްކަތް ކޮށްފާނެކަމަށް ޚިޔާލަށްވެސް ގެންނަވާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.