ޚަބަރު

ބޭރުގެ މަސްބޯޓަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ހުއްދައެއް ނުދެން - މިނިސްޓަރ ޝައިނީ


ބޭރުގެ އެއްވެސް މަސްބޯޓަކަށް ރާއްޖޭގެ ސަރަހައްދީ އިމުތެރެއިން މަސްވެރިކަން ކުރުމުގެ ހުއްދަ އެއްވެސް އިރެއްގައި މިސަރުކާރުން ދީފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ހުއްދަދީގެން ބޭރުގެ ބޯޓުތަކެއް ރާއްޖޭގެ ސަރަޙައްދީ އިމުގެ ތެރެއަށްވަދެ މަސްވެރިކަން ކުރަންމުންދާކަމަށްބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންގެންދަވާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ޑރ.ޝައިނީ ވިދާޅުވީ ބޭރުގެ ބޯޓުތަކުން ރާއްޖޭގެ ސަރަޙައްދުން މަސްވެރިކަން ކުރުން މުޅިން ހުއްޓުވާލި ހަމައެކަނި ސަރުކާރަކީ މި ސަރުކާރުކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ ދެހާހުގެ އަހަރުތަކުގައި ކޮންމެވެސް ވަރަކަށް ބޭރުގެ މަސައްބޯޓުތައް ރާޖޭގެ އިމުން މަސްވެރިކަންކުރުމުގެ ހުއްދަދިން ނަމަވެސް 2013 ވަނައަހަރު އައިރު އެ ހުއްދަތަކުގެ މުއްދަތު ހަމަވެ ކެންސަލްވެފައިވާކަމަށެވެ.

މިކަމާއިގުޅޭ މައްސަލަތައް ފެންމަތިވެފައިވަނީ ރާއްޖޭގެ އިމުގެތެރޭގައި ރާއްޖެއަށް ނިސްބަތްނުވާ 41 ބޯޓަކުން މަސްވެރިކަން ކުރަމުންދާކަމަށްބުނެ ބަޔަކު ފެތުރި ވާހަކައަކާ ގުޅިގެންނެވެ. މިނިސްޓަރ ވިދާޅުވީ މި 41 ބޯޓަކީ 100 އިންސައްތަ ދިވެހި ރަޖިސްޓްރީގައި ހިމެނޭ ދިވެހިން ހިންގާ 41 ބޯޓުކަމަށެވެ. އަދި މިއީ ރާއްޖޭގައި ޢާއްމުކޮށް ނުކުރާ މަސްވެރިކަމުގެ ބާވަތެއްކަމަށްވާ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުއްދަ ދީފައިވާ، އެކަމަށް ޚާއްސަ ދޯނިތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއިން ކޮންމެ ދޯންޏެއްވެސް މަހަށް ފުރުމުގެ ހުއްދަ ދީފައިވަނީ ދިވެއްސެއް ހިމެނޭ ގޮތަށްކަމަށާ، މި ހުއްދަ މި ދޯނިތަކަށް ދީފައިވާނީ އެކި ބާވަތްތަކުގެ މަސްވެރިކަން ރާއްޖޭގައި ފުޅާކޮށް، އެކަމުން އާއްމު ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރުގެ މަސްބޯޓުތަކަށް ރާއްޖެއަށް މަސްކިރުމުގެ ހުއްދަދީ، ރާއްޖޭގެ މަސްދޯނިތައް ލަންކާއަށް މަސް ކިރުމުގެ ހުއްދަ ދިނުމަކީ އިޤްތިސާދަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. ބޭރުމީހުން ރާއްޖެއައިސް މަސްކިރާނަމަ ދިވެހި މަސްވެރިން ބާނާ މަހުގެ ޑިމާންޑް ވެއްޓޭނެ. އަދި ބޭރު ޤައުމުތަކަށް މަސް ކިރަން ދާނަމަ ތެލަށް ހޭދަކޮށްފައި ފައިދާއެއް ނުޖެހޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެއްއަގެއްގައި ހިފަހައްޓައި، މަސްގަންނަ އަގުގެ އެންމެ ދަށް އަގު ކަނޑައެޅީ މި ސަރުކާރުގައިކަމަށާ، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ އަގު ހިފެހެއްޓުމަށް ކުރެވުނު މަސައްކަތުގެތެރެއިން، މިހާރުވެސް އެކްސްޕޯޓް ކުރާ މަހަށް ލިބޭ އަގު އެންމެ ރަނގަޅު ޤައުމުތަކުގެތެރޭގައިވެސް ރާއްޖެ ހިމެނޭކަމަށެވެ.