ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި


ހދ.ކުޅުދުއްފުށީގައި މިސަރުކާރުން ހެދި އެއަރޕޯޓުގެ ރަންވޭ ނިންމައި ޓެސްޓު ފްލައިޓު ޖައްސައިފިއެވެ. ފްލައިޓް ޖައްސާފައިވަނީ ދާދި ދެންމެއަކުއެވެ.

މި ފްލައިޓުން އެންމެ ފުރަތަމަ ކުޅުދުއްފުށްޓަށް ފައިބައިވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބަންޑާރަނައިބް އަލްއުސްތާޛް މުޙައްމަދު އަނިލްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، މި އެއަރޕޯޓުގެ ސަބަބުން ކުޅުދުއްފުށި ހިމެނޭ ސަރަޙައްދުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި އެއަރޕޯޓާއެކު ކުޅުދުއްފުށީގެ ރައްޔިތުންނަށާއި އެ ސަރަޙައްދުގެ ރައްޔިތުންނަށްވެސް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީގައި ހަދާ އެއަރޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނެއެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެދަށުން ކުޅުދުއްފުށީގައި އެއާޕޯޓު ހަދާފައިވަނީ އެރަށުގެ ކުޅިން ބަޔަކާއެކު، ފަޅުތެރެއިން 15 ހެކްޓަރުގެ ބިންހިއްކައިގެންނެވެ.

ކުޅުދުއްފުށީ އެއާޕޯޓު މަޝްރޫޢުގެ ދަށުން، ޓެކްސީވޭއާއި، އެއާކްރާފްޓްތައް ޕާރކްކުރުމަށްޓަކައި އޭޕްރެންއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. 12 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައިހަބުކަމުގައިވާއިރު، ކުޅުދުއްފުށީ އެއަރޕޯޓު ވެގެންދާނީ މިސަރުކާރުން އެ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަޝްރޫޢުގެ މުހިންމު މަސައްކަތަކަށެވެ.