އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިއަދު ނިންމާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ޝެޑިއުލާއި އެއްގޮތަށް ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އަކްރަމް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށެވެ.
ވޯޓުލާ ފޮށިތަކާއި، ވޯޓިންގ ބޫތުތައް ފޮނުވުމުގެ މަސައްކަތްތައްވެސް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ފޮށިތައް ކައިރީގައި ތިބޭ އޮފިޝަލުން ތަމްރީނުކޮށް އެފަރާތްތަކަށް ދޭންޖެހޭ އިރުޝާދުތައްވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވޯޓުގެ ކަންކަން މޮނިޓަރ ކުރުމަށް ރާއްޖެއިން ބޭރުން އަންނަ މޮނިޓަރުންނާއި އޮބްޒާވަރުންވެސް މިހާރު ރާއްޖެ އަންނަން ފަށާފައިވާކަމަށެވެ. އެގޮތުން ބޭރުގެ 85 ފަރާތަކަށް އިންތިޚާބު ކަވަރުކުރުމުގެ ހުއްދަ ކޮމިޝަނުން ދީފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
މިއަދުގެ ވަގުތެއްގައި ވޯޓުކަރުދާހާ ގުޅޭ މަޢުލޫމާތުތައްވެސް ޢާއްމުކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފުލުހުންނާއި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ފުރިހަމަ ރައްކާތެރިކަމާއިއެކުއެވެ. އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިހާބުގައި 472 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ދެލައްކަ ފަސްދޮޅަސްހާހަސްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިގެންވެއެވެ.