10 އަހަރަށް ފަހު ޤައުމީ ފްޓްބޯޅަ ޓީމް ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށް ރާއްޖެއައުމުން، ޤައުމީ ޓީމަށް މަރުޙަބާ ކިޔުމައްޓަކައި އެތަށް ހާސް ބަޔަކު ނިކުމެއްޖެއެވެ. ޤައުމީ ޓީމަށް މަރުޚަބާކިޔުމަށްޓަކައި ރިކޯޑް އަދަދަކަށް ޢާންމުންވަނީ ސިނަމާލެ ބްރިޖް ސަރަހައްދަށް އެއްވެފައެވެ.
ސަރަޙައްދީ ފެންވަރުގައި ކުޅޭ ސާފް ސުޒުކީ ކަޕް 10 އަހަރަށް ފަހު ދިވެހިރާއްޖެއިން ކާމިޔާބު ކުރުމާއެކު މުޅި ޤައުމު އުފާފާޅުކުރުމުގެ ޢީދެއްފެށިއެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު، ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅެ 2 ލަނޑު އެއްލަނޑުން ކާމިޔާބު ކުރުމާއެކު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފާފާޅުކުމުގެ ޙަރަކާތްތަކެއް ފެށިގެންދިޔައެވެ. ޤައުމީ ރޫހެއްގައި ފެށި މި ޙަރަކާތްތަކުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ޤައުމީ ރޫހާއި، ދިވެހިންގެ އެއްބައިވަންތަކަމެވެ.
ދިވެހި ޤައުމީ ޓީމް ރާއްޖެ އައުމާއެކު، ޓީމަށް މަރުޙަބާ ކިޔުމަށް އެތައް ހާސް ބަޔަކު ބްރިޖް ސަރަހައްދަށް ޖަމާވީ ޤައުމީ ރޫހާއި ޖޯޝުގައެވެ. ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ލަވަތަކާއި ޝިއާރުތަކުން ބްރިޖު ސަރަޙައްދުވަނީ ގުގުމާލާފައެވެ. ކުދިބޮޑު އެންމެން ޤައުމީޓީމު ސާފް ސުޒުކީ ކަޕްގެ ތަށި ގެންނަ މަންޒަރު ބަލައިލުމަށް އެއްވެފައިތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ އުފާވެރިކަމެވެ.
ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، މުޅި ރާއްޖެ ތަމްސީލުކޮށްދޭ މި ކާމިޔާބީ ފާހަގަކުރުމަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ދިވެހި ޤައުމީ ފްޓްބޯލަ ޓީމް މި ހޯދި ކާމިޔާބީއަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިކޮށްދިން ކާމިޔާބީއެއްކަން ޔަޤީނެވެ.