ޚަބަރު

ވީއައިއޭގެ އައު ރަންވޭ ހުޅުވުމަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފި


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަލަށް އަޅާފައިވާ ރަންވޭ ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި ހަރަކާތަކަށްވީ، ވައިގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ބިޔަ މަތިންދާބޯޓުކަމަށްވާ، އެއަރ ބަސް އޭތުރީ އެއިޓީ މަރުކާގެ މަތިންދާބޯޓެއް އާ ރަންވޭއަށް ޖެއްސުމެވެ.

ޤައުމީ ޓީމު ކުޅުންތެރިން ގޮވައިގެން ދަތުރުކުރި އެއަރ ބަސް އޭތުރީ އެއިޓީ މަރުކާގެ މަތިންދާބޯޓު ޖެއްސުމާއެކު ދެން ފެނިގެންދިޔައީ، އެބޯޓަށް ވޯޓަރ ސެލިއުޓެއް އެރުވި މަންޒަރެވެ. އެއަށްފަހު އެއަރޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށްދިޔައެވެ.

އެއަރޕޯޓުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ އިތުރުން، ވައިގެ ތެރޭގައިވެސް ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސިފައިންގެ ޕެރަޖަމްޕާސް ވަނީ މަތިންދާބޯޓަކުން ވައިކުޑަގައި އެއަރޕޯޓަށް ތިރިކޮށްފައެވެ. މިހަރަކާތުގައި 6 ޕެރަޖަމްޕަރސް ބައިވެރިވިއިރު، ޕެރަޖަމްޕަރުން ވަނީ ދިވެހި ދިދަ ޖައްވު ތެރޭގައި ވިހުރާލާފައެވެ.

ދެން ފެނިގެންދިޔައީ މަތިންދާބޯޓުތަކުގެ ފްލައިޕާސްޓް ހަރަކާތްތަކެކެވެ. ފްލައި ޕާސްޓް ހަރަކާތުގައި ގިނަ އަދަދެއްގެ އެއަރ ޓެކްސީއާއި މަތިންދާބޯޓު މާލެ މަތިން ދުއްވާފައިވެއެވެ.

އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތަފާތު ހަރަކާތްތަކެއް ފެނިގެންގޮސްފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ މިހަރަކާތްތައް ބަލާލުމަށް ސިނަމާލެ ބުރިޖާއި ހުޅުމާލޭގެ ސަރަޙައްދުތަކަށް ޖަމާވެފައެވެ.