ޚަބަރު

ޤައުމީ ޓީމު ދަތުރުކުރި ބިޔަ މަތިންދާބޯޓާއެކު ވީއައިއޭގެ އައު ރަންވޭ ހުޅުވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ރަސްމީކޮށް ހުޅުވައިވައިފިއެވެ.

މި ރަންވޭ ހުޅުވިގެންދިޔައީ ދުނިޔޭގައި ދަތުރުކުރާ އެންމެ ބޮޑު މަތިންދާބޯޓްކަަމަށްވާ އޭ-ތްރީ މަރުކާގެ މަތިންދާ ބޮޓް ވެލާނާ އިންޓަރނޭޝަނަލްގެ އައި ރަންވޭއަށް ޖެއްސުމާއިއެކުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުއްރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ އިތުރުން ދަޢުލަތުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވަނީ ބައިވެރިވެފައެވެ.

އަލަށް ތަރައްޤީކުރި ރަންވޭއަކީ 3400 މީޓަރު ދިގު، 60 މީޓަރު ފުޅާ ރަންވޭއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ނިންމާފައިވާ މަޝްރޫޢަކީ މި ރަންވޭގެ މަސައްކަތެވެ.

ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކަށް ތަރައްޤީކޮށްފައިވާ މި ރަންވޭއަކީ ކޯޑް އެފް ފެންވަރުގެ ރަންވޭއެކެވެ. މިއީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ފުރިހަމަ ރަންވެއެވެ.