ޚަބަރު

ނުފޫޒުގަދަ ޤައުމުތަކުން ބޭނުންވަނީ ގޮނޑިކޮއްކޮ ސަރުކާރެއް ރާއްޖޭގައި އުފައްދަން- ޑރ.ޝަހީމް


ބޭރުގެ ނުފޫޒުގަދަ ބައެއް ޤައުމުތަކުން މަސައްކަތްކުރަނީ ރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް އުފެއްދުމަށްކަމަށާއި ދިވެހިން އެގޮތެއް ބޭނުން ނުވާނެކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް އޮތް ތާޢީދު އިތުރުކުރުމަށް އެކި ރަށްރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކ.ކާށިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަމުންގެންދަވަނީ، ދިވެހިރާޢްޖެއަކީ ބޭރުގެ ނުފޫޒުން މިނިވަންވެފައިވާ ޤައުމަކަށް ހެދުމަށް ކަމަށެވެ. އަދި ރާއްޖެ ތަރައްޤީކުރުމަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އެދޭގޮތަށް މިނިވަން ޤައުމެއްގެ ގޮތުގައި ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ މުސްތަޤްބަލް ކުރަހާލަދޭނެ އިންތިޚާބަކަށް ވެގެންދާނެކަމަށެވެ. އަދި އެކަން އެންމެ ރަނގަޅުގޮތުގައި ރައްޔިތުންގެ ބައިވެރިވުމާއެ ކުރިއަށްގެންދެވޭނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމްގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީން ޤައުމު ތަރައްޤީކުރަމުންދަނީ ސިޔާސީ ތަފާތުވުންތަކަށް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްވެސް ތަރައްޤީވާނެހެންކަން ފާހަގަކުރައްވާ، އެކަން ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ރައްޔިތުންނަށް ފެންނާނެކަން ފާހަގަކުރެއްވިއެވެ.

ޑރ.ޝަހީމްގެ މި ދަތުރުފުޅުގައި، ވަނީ ކާށިދޫގެ އިތުރުން ކ.ގާފަރަށްވެސް ވަޑައިގެންފައެވެ. މި ދެރަށުގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ގާފަރާއި ކާށިދޫއަކީ ސަރުކާރުން ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްފައިވާ އަދި މިހާރުވެސް މަޝްރޫޢުތަކެއް ކުރިއަށްދާ ދެރަށްކަން ފާހަގަކޮށްލެވެއެވެ.