ޤައުމީ ޓީމަށް މަރުޙަބާ ކިއުމަށް އަންނަ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިއަންކަން ހޯދާފައިވާތީ ޤައުމީ ޓީމަށް މަރުޙަބާ ކިއުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ސާފް ސުޒުކީ ކަޕްގެ ފައިނަލްމެޗް ދިވެހި ޤައުމީ ޓީމުން ކާމިޔާބުކުރުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމަށް މަރުޙަބާވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ޤައުމީ ޓީމަށް މަރުޙަބާކިޔައި އުފާ ފާޅުކުރުމުގެ ޙަރަކާތްތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.