ޚަބަރު

ބޭރުގެ ނުފޫޒުން ސަލާމަތްވުމަށް އިދިކޮޅު ވިސްނުމަށް ނޫނެކޭ ބުނަންޖެހޭ- ޑރ.ޝައިނީ


އިދިކޮޅު ސިޔާސަތަށް ތާޢީދުކުރާ މީހުން ރާއްޖޭގައި ތިބިހާ ހިނދަކު ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ނުފޫޒު ފޯރުވައި އަތްގަދަކުރަން މަސައްކަތްކުރާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ.ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމީހުންގެ ހަޤިޤީ ސިޔާސަތު ވަަރަށް ހާމަކަންބޮޑު ގޮތެއްގައި ފާޅުކުރަމުންދާކަމަށާއި މި ސިޔާސަތުތައް ދިވެހިން ޤަބޫލުކުރާނަމަ ބޭރުގެ ފަރާތްތަކުގެ ނުފޫޒު އަބަދުވެސް ކޮންމެވެސް ގޮތެއްގައި ރާއްޖެއަށް ފޯރާނެކަމަށެވެ. އަދި މައިނޯރިޓީ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އެމީހުންގެ ވިސްނުމަށް ތާޢީދުކުރާބަޔަކު ތިބޭނަމަ އަބަދުވެސް އެމީހުން މަސައްކަތްކުރާނީ ދިވެހިންގެ ވިސްނުން ބަދަލުކޮށް އިސްލާމް ދީނާއި ދިވެހިންގެ ސަޤާފަތް ފޮހެލަން ކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އަނެއް 40 ޕަރސެންޓް މީހުން އެބުނަނީ އިދިކޮޅު މީހުން އެބުނާ ސިޔާސަތާ އެއްގޮތަށް ވޯޓްލާ ބެއްކަމުގަ ވެއްޖިއްޔާމުން އަޅުގަނޑުމެންގެ ދޮރުގަ ޓަކިޖަހަން މިއަންނަ ބޭރުގެ ފަރާތްތައް އައުން ހުއްޓައެއް ނުލާނޭ. އެއީ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ބަލާއިރުގަ މައިނޯރިޓީ ވީކަމުގައި ވިޔަސް ގިނަބަޔަކު ޤަބޫލުކުރާ ކަންތައްތަކެއް ހުރިއްޔާ އެކަމުގެ ރައިޓްސް، އެކަން ކޮށްދިނުމަށްޓަކައި ބައިނަލްއަޤްވާމީ ޖަމާޢަތްތައް ތެދުވާނެ. ހިއުމަންރައިޓްސް ޖަމާޢަތްތައް ތެދުވާނެ." މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، އެމްޑީޕީގެ ވެރިކަމުގައި ބޭރުގެ ފަރާތްތަކާ ގުޅިގެން އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތު ކުރައްވާ، އޭރު ސަރުކާރުގައި އިސްކޮށްތިބި ބައެއް ބޭފުޅުންމިހާރުވެސް އެފަދަ ވިސްނުމެއްގައި މަސައްކަތްކުރަމުންދާކަމަށް ބިދާޅުވެ، އެފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

"ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. ޝަހީދު މިޙާރުވެސް އެހުންނެވީ އިސްލާމްދީނާއި އެހެން ދީންތަކާއި ހަމަހަމަކުރަން ނުވަތަ އެހެން ދީންތަކުގެ މީހުންނާއި އިސްލާމްދީނުގެ މީހުންނާއި ހަމަހަމަކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ހެދިފައި އޮތް ޖަމުޢިއްޔާގެގ އެމްބެސެޑަރެއްގެ ހައިސިއްޔަތުން. ހަމަ އެމީހުންގެ ފަރާތުން ހުންނެވި އެމްބޭސަޑަރެއްގެ ގޮތުން އެހުންނެވީ. ހުންނަވާފަ ޓްވީޓެއް ކުރައްވަމުން ވިދާޅުވަނީ ފުރިހަމަ ޑިމޮކްރަސީއެއް ރާއްޖޭގައި ބޭނުންވާކަމުގައި ވަނީނަމަ އަޅުގަނޑުމެން ޖެހޭނީ ސެކިއުލާރ ސިސްޓަމެއް ރާއްޖެއަށް ގެންނާށޭ. ހަމަ ކަނޑައެޅިގެން ޓްވީތުތައް” މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، އިސްލާމް ދީނާއި، ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް އިތުރު ތަރައްޤީ ޤައުމަން ގެންނަ ބޭނުންނަމަ، ރައީސް ޔާމީނަށް އިތުރު ދައުރެއް ދިނުމަށް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.