ފުވައްމުލަށް ސިޓީގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިގެ ޚިދުމަތް ސައުވީސް ގަޑިއިރު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުވައްމުލަށް ސިޓީގެ ޒުވާނުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުން ބޭނުންވާ ކަންތައްތަކާއި ޒުވާނުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
މި ބައްދަލުވުމުގައި ޒުވާނުން ރައީސް ޔާމީނަށް ހުށަހެޅި ކަންްތައްތަކުގެ ތެރޭގައި ފުވައްމުލަކުގެ ޒުވާނުންނަށް ފުޓްބޯޅަ ކުޅެވޭނެ ޒަމާނީ ސްޓޭޑިއަމަކާއި، ޒުވާނުންގެ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް އިތުރު ޚިދުމަތް ލިބޭނެގޮތް ހެދުމާއި، ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތް ސައުވީސް ގަޑިއިރު ލިބޭނެގޮތް ހެދުމުގެ އިތުރުން ކުޑަކުދިންނާއި އިސްރައްވެހިންނަށްވެސް ބޭނުންކުރެވޭފަދަ ފަތާ ޓްރެކެއް ފުވައްމުލައް ސިޓީގައި ޤާއިމު ކޮށްދިނުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ޒުވާނުންވަނީ، ރައީސް ޔާމީން ޒުވާނުންގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އެގޮތުން ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެމަގު ރައީސް ޔާމީން ފަހިކޮށްދެއްވާފައިވާކަން ޒުވާނުންވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޒުވާނުންގެ ތަރައްޤީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް އިތުރަށް ފުޅާކޮށް ޒުވާނުންނަށް އިތުރު ފަހިފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް އިތުރު ދައުރަކަށް އެމަނިކުފާނު ހޮއްވަވައިދިނުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީން ޔާމީން ވަނީ ޒުވާނުންގެ އުންމީދުތަކަށް ދިރުން ގެނެސްދެއްވުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.