ޚަބަރު

އެމްޑީޕީގެ ވެރިކަމެއްގައި ބޭރު މީހަކު ވެރިޔަކަށް ހުރުމަކީ ކައިރިކަމެއް- މަޞީހު


އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ޤާއިމްވެއްޖެނަމަ، ރާއްޖޭގެ ވެރިކަމަށް ބޭރު މީހަކު އައުމަކީ އެކަށީގެންވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ތަރައްޤީގެ މަޝްރުޢޫތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޞީހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް އިދިކޮޅު ފަރާތްތަކުން ވަޢުދުވެފައިވާކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއް ޤާއިމްކޮށްފިނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، އެހެން ޤައުމުތަކުގެ މީހުން ރާއްޖޭގައި ވެރިކަންކުރުމުގެ ފުރުޞަތުވެސް މަގުފަހިވެގެން ހިނގައިދާނެކަމަށް މަޞީހު ވިދާޅުވިއެވެ.

"އުތުރު އެމެރިކާގެ ޤައުމެއްގައިވެސް އޮވޭ ބަރުލަމާނީ ނިޒާމް. އާއްމު ޑިމޮކްރަސީގެ އުސޫލުތައް އޮންނަ ގޮތުން ދައުލަތުގެ އިސްވެރިއަކަށް ވާން މިޖެހެނީ އެޤައުމެއްގެ ރައްޔިތަކު. ބަރުލަމާނީ ނިޒާމުގައި މިއޮންނަނީ ހެޑް އޮފް ސްޓޭޓް އެއީ ވަކި ބޭފުޅެއް. ހެޑް އޮފް ގަވަރމަންޓަކީ ވަކި ބޭފުޅެއް. އުތުރު އެމެރިކާގެ ޤައުމެއްގައި ހެޑް އޮފް ސްޓޭޓަކަށް މިހުންނަވަނީ ވިލާތުގެ ޤައުމެއްގެ ބޭފުޅެއް. އީކުއޭޓަރގެ ތިރިން ނަޒަރު ހިންގާލާއިރުވެސް މިގޮތަށް މިކަން އެބަ ހިންގާ ބަރުލަމާނީ ނިޒާމް އޮންނަ ދެ ޤައުމެއްގައި. އެ ޤައުމުތަކުގައިވެސް ހެޑް އޮފް ސްޓޭޓަކަށް މިހުންނަނީ ވިލާތުގެ ބޭފުޅެއް. އެހެންވީމާ އަޅުގަނޑު ހިތަށް އަރަނީ ކިހިނެތްބާއޭ ވާން މިއުޅެނީ.. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ޕްރައިމް މިނިސްޓަރއެއް ބަހައްޓާފައި.. ހެޑް އޮފް ސްޓޭޓަކަށް އެހެން ޤައުމެއްގެ ބޭފުޅަކު ހަދަން ބާއޭ މިއުޅެނީ" މަޞީހު ވިދާޅުވިއެވެ.

މަޞީހުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސަރުކާރަކީ ޒުވާނުން ބަލައިގެންފައިވާ ސަރުކާރެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ޒުވާނުން މިއަދު ރައީސް ޔާމީން ސިފަކުރަނީ ހަލުވި ދުވެލީގައި ތަރައްޤީ ގެނެސްދެއްވާ ބޭފުޅެއްގެ ގޮތުގައިކަން މަޞީހު ފާހަގަކުރެއްވިއެވެ.

"ޒުވާނުން އަޅުގަނޑު ގާތުގައި ވިދާޅުވަނީ ރައީސް ޔާމީނާ ތަރައްޤީގެ ނަންތަކަކީ އެއްވެގެންދާ ނަންތަކެކޭ.. ރައީސް ޔާމީނޭ ދެންނެވީމާ ހިތަށް އަރަނީ ހަލުވި ތަރައްޤީއޭ.. ރައީސް ޔާމީނޭ މީހަކު ބުނާ ކޮންމެ ފަހަރަކު ހިތަށް އަރަނީ ބިނާކުރަނިވި ތަރައްޤީއޭ.. ރައީސް ޔާމީނޭ ބުނާ ކޮންމެ ފަހަރަކު ހިތަށް އަރަނީ ތިޔާގި ތަރައްޤީ.. ރައީސް ޔާމީނޭ މީހަކު ބުނާ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ހިތަށް އަރަނީ އުފެއްދުންތެރި ތަރައްޤީއޭ" މަޞީހު ވިދާޅުވިއެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި ޖަލްސާގައި މަޞީހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބުކުރަންޖެހޭ މުހިއްމު ސަބަބުތައް ހާމަކޮށްދެއްވިއެވެ. މިގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތި ކުރިވިނަމަވެސް، ގޮންޖެހުންތަކަށް ބެއްލެވުމެއް ނެތި ރާއްޖެ ތަރައްޤީކޮށްދެއްވާފައިވާ މިންވަރަކީ، ރައީސް ޔާމީނަށް ވޯޓުދޭންޖެހޭ ސަބަބެއްކަމަށް މަޞީހު ވިދާޅުވިއެވެ.