ޚަބަރު

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިފި


ފުވައްމުލައް ސިޓީގައި ސަރުކާރުން ޤާއިމްކުރައްވާފައިވާ ސާފު ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވައިދެއްވައިފިއެވެ.

ފުވައްމުލަކުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި ފެނާއި ނަރުދަމާގެ ޚިދުމަތަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާ ޔަޤީންކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރުޢޫތަކުގެ ތެރެއިން ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމެކެވެ.

ފުވައްމުލައް ސިޓީ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢަށް 275 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފުވައްމުލަކުގައި ޤާއިމްކުރި ނަރުދަމާ ނިޒާމްގެ ދަށުން އެސިޓީގައި ދެ ވެކިއުމް ސްޓޭޝަން ބަހައްޓާ 40.8 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ރަށުގެ 2544 ގެއަށް ވަނީ ޚިދުމަތް ދީފައެވެ.

ފުވައްމުލަކުގައި ޤާއިމްކުރި ފެނުގެ ނިޒާމްގެ ދަށުން 60.5 މީޓަރުގެ ދިގުމިނުގެ ފެނުގެ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 60.5 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ވަނީ ޤައިމުކުރެވިފައެވެ. އަދި 500 ކިއުބިކް މީޓަރުގެ 3 އާރް.އޯ ޕްލާންޓެއް ވަނީ ބެހެއްޓިފައެވެ. އަދި ފެން ރައްކާކުރުމަށް 2160 ކުއިބިކް މީޓަރުގެ 3 ސްޓޯރޭޖް ޓޭންކް ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢުގެ ސަބަބުން ޏ. ފުވައްމުލަކުގައި ޒަމާނީ ފެންވަރުގެ ފެނުގެ ޚިދުމަތް ޤާއިމުވެ 2531 ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ފެނުގެ ޚިދުމަތް ވާނީ ގުޅިފައެވެ.

މިޖަލްސާގައި ފުވައްމުލަކު ސިޓީގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި ނޭޗަރ ޕާކް ހުޅުއްވައިދެއްވައި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުންވެސް ވަނީ ފާހަގަކޮށްފައެވެ.

ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަކީ ދިވެހި ސަރުކާރުން ސަތޭކަ ތިރީސް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނޓްތަކެކެވެ.