ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްްޔޫމް، ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ފުވައްމުލަކު ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެސިޓީން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅަކީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ މުހިންމު މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެއެވެ. އެގޮތުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމާއި ހައުސިންގ ޔުނިޓްތަކާއި ފުވައްމުލަކު ނޭޗަރ ޕާކު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ އަށްޑޫ ސިޓީގެ ރަށްތަކަށެވެ. އެގޮތުން އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންހިއްކުމާއި ފެނާއި ނަރުދަމާފަދަ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކުރައްވާފައެވެ.