ޚަބަރު

ރާއްޖެ ބަދުނާމުކުރަން ކުރާ ކަންކަމުގެ ނޭދެވޭއަސަރު ކުރާނީ މުޅި ޤައުމަށް - ރައިސް


އިދިކޮޅު ފަރާތްތަކުން ބޭރުގެ ޤައުމުތަކުގައި ރާއްޖެ ބަދުނާމުކޮށް ރާއްޖެއަށް އެކިގޮތްގޮތުން ދަތިކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އެކަމުގެ ގެއްލުންވަނީ ހަމައެކަނި ސަރުކާރަށާއި ޕީޕީއެމަށް ނޫންކަމަށާ، މިކަމުގެ ގެއްލުމާއި ދެރަކަން އެމްޑީޕީއަށާއި، މުޅި ދިވެހިރާއްޖެއަށްވެސް ކުރިމަތިލާން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫސިޓީ މަރަދުއާއި މަރަދޫފޭދުއާއި ފޭދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުގެ އިސްބޭފުޅުން ރާއްޖެއިން ބޭރުގައި ތިބެގެން ބޭރުދުނިޔޭގައި ރާއްޖެ ބަދުނާމުކުރުމަށް ކުރަމުންދާ ކަންކަމުގެ ހިތި ނަތީޖާ މިހާރުވެސް ފެންނަމުން ދާކަމަށެވެ. އެގޮތުން ބޭރުޤައުމުތަކުގައި ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތަކުގެ ޑިމާންޑް ހީނަރުވެފައިވަނީވެސް މިކަމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނާއި، މާތްވެގެންވާ އީސްލާމްދީނާއި، ޤައުމުގެ ސުލްޙަ މަސަލަސްކަމަށްވުރެ މުހިންމު ކަމެއް އެމަނިކުފާނައި މިސަރުކާރަށް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން ބޭރުގައި ތިބެގެން ދިވެހި ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އެފަދަ މަސައްކަތްތައްކުރުމަކީ، މި ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުންނަށްވުރެ ބޮޑަށް އަޅުވެތިކަން ތަޖުރިބާ ކޮށްފައިވާ ބަޔަކު ރާއްޖޭގައި ނޫޅޭނެކަމަށެވެ. އަދި މާޒީގައި އައްޑޫގެ ރައްޔިތުން ތަޖުރިބާކުރި ކަންކަން އަނެއްކާވެސް ރާއްޖެއަށް ގެންނަންއުޅޭ ބަޔަކާ އެއްބައިނުވުމަށް ރައީސް ގޮވާލެއްވިއެވެ. ރައީސް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް، ދިނާއި ޚިލާފު އެކިއެކި މިނިވަންކަންދިނުމަށް ގޮވާލާ ބަޔަކާ އެއްބައިވެގެން މަސައްކަތްކުރުމަކީ ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެކަމެއް ނޫންކަމަށެވެ.

އަދި މި ކަންކަމުގެ ނޭދެވޭ އަސަރު މިހާރުވެސް ރާއްޖެއިން ފެންނަމުންދާކަމަށާއި، ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަދުނާމުކޮށް ކުރަމުންދާ މަސައްކަތްތަކުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި މުޅި އިޤްތިޞާދަށް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ.