ޚަބަރު

ބޮޑެތި ރަށްތައް ސަރުކާރުން ތަރައްޤީ ކުރަނީ ކުރިމަގުގައި ސިޓީތަކަކަށް ހެދުމުގެ ވިސްނުމުގައި- ރައީސް


ކުޅުދުއްފުށްޓާއި ގދ. ތިނަދޫފަދަ ބޮޑެތި ރަށްތައް ސަރުކާރުން ތަރައްޤީ ކުރަމުންދަނީ ކުރިމަގުގައި އެރަށްތައް ސިޓީތަކެއްގެ ގޮތުގައި ބަދަލު ކުރުމުގެ ވިސްނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ، މަރަދޫ-ފޭދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ 5 މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވައި، ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުގައި ސީޓީގެ ނަން އޮތީ ހަމައެކަނި ލިޔެވިފައިވާ ނަމެއްގެ ގޮތުގައިކަމަށެވެ. އެގޮތުން އަށްޑުއަށް ސިޓީއެއްގެ ދަރަޖަ ދިންނަމަވެސް ސިޓީއަކަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ދިނުމަށް ކުރީގެ ސަރުކާރުތަކުން ނުކުޅެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްޤީ ގެންނަން ޖެހެނީ ހަމައެކަނި މާލެއަށް ނޫންކަމަށާ، އަމާޒަކީ ރާއްޖޭގެ ބޮޑެތި ރަށްތައް ސިޓީ ފެންވަރަށް ތަރައްޤީކޮށް ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފަހިކޮށްދިނުންކަމަށެވެ.

ރައީސް ވިދާޅުވީ އަށްޑޫ ސިޓީއަށް ސިޓީއެއްގެ ސިފަ ގެނެސްފައިވަނީ މި ސަރުކާރުގައިކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައްކަމަށްވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްވެސް މީގެ ކުރީގެ ސަރުކާރުތަކުން އައްޑޫގައި ޤާއިމް ކޮށްފައި ނުވާކަމަށެވެ. އަދި މަގު ހެދުންފަދަ މަޝްރުޢުތައްވެސް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މިންވަރެއްގައި ކުރިއަށް ގެންގޮސްފައި ނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އަށްޑޫ ސިޓީއަށް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރަން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް މިކަން ނުވެ ދިޔައީ ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްފައި ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މުހިންމު ޚިދުމަތްތައް ނެތި ރާއްޖޭގެ މައި ސިނާއަތު ކުރިއަށްގެންދަން އުޅެފިނަމަ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭނީ ގެއްލުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުކޮށް ލޯކަލް ޓޫރިޒަމް ފުޅާކުރަން ކުރާ މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.