ޚަބަރު

ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތައް ރައީސް ޔާމީން ވަނީ މަޢާފްކޮށްދެއްވާފައި


ވެރިކަން ލިބިވަޑައިގެންފިނަމަ، ސުނާމީ ކާތިޘާއާގުޅިގެން ދޫކޮށްފައިވާ ލޯނުތައް މަޢާފްކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހް، ވަޢުދުވެވަޑައިގެންނެވިއިރު، އެއީ ރައީސް ޔަމީންގެ ސަރުކާރުން މަޢާފުކޮށް ދެއްވައި ނިންމަވާފައިވާ ލޯނުތަކެއްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އޭރުގެ ސަރުކާރުން ރައްޔިތުންނަށް ދޫކުރި ލޯނުތައް މާޢާފުކުރައްވާނެކަމަށް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައި މިނިސްޓަރ ޝައިނީ ވިދާޅުވީ، އެއީ މިހާރު ނިމިފައިވާކަމެއްކަމަށެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝައިނީ ވިދާޅުވީ އިބްރާހިމް ސާލިޙް ދެއްކި ވާހަކައަކީ އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަމަށާއި މީގެ ގާތްގަނޑަކަށް ދެހަފްތާއެއްހައިދުވަސް ކުރިން ވަޒީރުންނާއެކު ބޭއްވި ކެބިނެޓް ބައްދަލުވުމަކަށްފަހު ރައީސް ޔާމީން މިލޯންތައް މަޢާފްކޮށްދެއްވާފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް އައި ޝަކުވާއެއް މި ލޯންތަކުގެ ވާހަކަ ނެގި ފަރާތްތަކުގެ އާއިލާތަކަށް މިވާހަކަތައް އެނގިފައިނުވާކަމަށް. މި ޝަކުވާތަކެއް އައިމަ ކެބިނެޓްގެ ވަޒީރުންނާއި ރައީސް ވާހަކަދައްކަވާފަ ރައީސް ނިންމަވާފަ އެއޮތީ އެލޯނުގެ ހުރިހާ އެއްޗެއް މަޢާފުކޮށްދެއްވުމަށް."

ޑރ.ޝައިނީ ވިދާޅުވިއެވެ.

އެމްޑީޕީގެ ކެނޑިޑޭޓު ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ޑރ.ޝައިނީ ވަނީ ތެދު ދޮގު ބައްލަވައި ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ވަޢުދުވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

"ހަމަގައިމުވެސް ސުނާމީއަކާ ގުޅޭ ލޯނެއް ދެން ނޯންނާނެ މަޢާފްކުރާކަށް. އެކަން އެއޮތިީ ރައީސް ޔާމީން ކޮށްދެއްވާފައި. އަޅުގަނޑު އިބޫއަށް ދަންނަވާލަން އޮތީ ބޭފުޅަކު އަރިހުގަ ހުރެފަ އެއްޗެއް ދެއްވިޔަސް މިހާރު ތީ އަޅުގަނޑުމެންގެ ޕްރެޒިޑެންޝިއަލް ކެންޑިޑޭޓެކޭ. އެހެންވީމަ ރަނގަޅަށް ތެދުދޮގު ބައްލަވާފައި ނޫނީ އެއްޗެއް ވިދާޅު ނުވާށޭ."

ޑރ.ޝައިނީ ވިދާޅުވިއެވެ.

ސަރުކާރުން މަޢާފްކުރައްވާފައިވާ މިލޯންތަކުގެ ތެރޭގައި ފިޝަރީޒް އެންޑް އެގްރިކަލްޗާރގެ ދާއިރާއިންނާއި ދިރިއުޅުން އާރާސްތުކުރުމުގެ ބޭނުމުގައި ޖުމްލަ ހަތްސަތޭކަ ފަންސާސް ދެ ފަރާތަކުން ނެގި ލޯންތައް ހިމެނެއެވެ.