ޚަބަރު

އައްޑޫ ރައްޔިތުން ބޭނުންވި މަޝްރޫޢޫތަށް ޙަޤީޤަތަކަށް ހެދީ މިސަރުކާރުން - ޠާރިޤް


އައްޑޫސިޓީގެ ރައްޔިތުންނަށް ބޭނުންވި ގިނަ މަޝްރޫޢޫތައް ޙަޤީޤަތަކަށް ހައްދަވައިދެއްވީ މި ސަރުކާރުންކަމަށާ، މީގެކުރިން އައި އެއްވެސް ސަރުކާރަކަށް އެކަންކަން ހަޤީގަތަކަށް ހެދިފައި ނެތްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫސިޓީގެ ހިތަދޫގައި މިސަރުކާރުން ކުރިއަށްގެންދިޔަ 4 މަޝްރޫޢުއެއްގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޠާރިޤް ވިދާޅުވީ، އައްޑޫސިޓީގެ ނަރުދަމާއާއި ފެނުގެ މަސައްކަތް ކުރީގެސަރުކާރުތަކުން ފެށިނަމަވެސް، އެކަން މަޑުޖެހި ހުއްޓިފައި އޮންނަތާ އެތައްދުވަހެއް ވެގެންދިޔަކަމަށާ، އެމަޝްރޫޢުތަކުގެ މަސައްކަތް ހަލުވިދުވެލީގައި ކުރިއަށްގެންގޮސް ހަޤީގަތަކަށް ހައްދަވައިދެއްވީ މި ސަރުކާރުންކަމަށެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިސަރުކާރުން ތިމާވެށީގެ މައްސަލަތަކަށް ނުބަލާކަމަށްބުނެ އިދިކޮޅުފަރާތްތަކުން ދޮގުވާހަކަތައް ދައްކަމުންދާއިރު، އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ ވެރިކަންކުރަން ލިބުނު ފުރުސަތުގައި ރާއްޖޭގެ ތިމާވެއްޓަށްވެސް އެއްވެސްކަމެއް ކޮށްފައި ނުވާކަމަށެވެ. ތިމާވެށި ޙިމާތްކޮށް ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުމުގެ މަސައްވެސް ކުރަނީ މިސަރުކާރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގައި ތަރައްޤީކޮށްފައިވާ ނޭޗަރ ޕާކާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އައްޑޫ ނޭޗަރ ޕާރކް މަޝްރޫޢަކީ އައްޑޫގެ ރައްޔިތުން ވަރަށް އުންމީދުކުރި މަޝްރޫޢެއްކަަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް މި މަޝްރޫޢުން ރައްޔިތުންނަށް މަންފާއެއް ހޯދައިދޭން ނޭނގުނުކަމާއި، މި މަޝްރޫޢުންވެސް ރައްޔިތުންނަށް މަންފާ ހޯދައިދިނީ މިސަރުކާރުންކަމަށެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހަކަތަ އުފެއްދުމަށްޓަކައި މިސަރުކާރުން ކުރާ މަސައްކަތްތަކާބެހޭގޮތުންވެސް މިނިސްޓަރ ޠާރިޤް މިރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން މިސަރުކާރުން ވެރިކަމާ ޙަވާލުުވިއިރު، ރާއްޖޭގައިހުރީ އަވިން ހަކަތައުފައްދައިގެން އެންމެ 2 މެގަވޮޓް ކަރަންޓު އުފެއްދޭ ނިޒާމެއްކަމަށާ، ނަމަވެސް މި ސަރުކާރުން ވެރިކަމާއި ހަވާލުވެ، މިޢަދަދު 9 އަކަށް އިތުރުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު އިތުރު 5 މެގަވޮޓްގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.