ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ފައިބައިވަޑައިގެންނެވުމާއެކު އައްޑޫ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
އައްޑޫއަށް ވާރޭވެހެމުން ދިޔަ އިރުވެސް އެމަނިކުފާނުގެ އިސްތިޤުބާލުގައި ތިބި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ރައީސް ގެންދަވަނީ ސަލާމްކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމާއި، ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން، ހިތަދުއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމާއި، ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމުގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ފޭދޫ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ފެނާއި، ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށު ބަނދަރުގެ އެއްގަމުތޮށި ހަދާ ނިމުން ފާހަގަކޮށްދެއްވާނެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.