ޚަބަރު

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ 12 ވަނަ ބައްދަލުވުން ފަށައިފި


އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 12 ވަނަ ބައްދަލުވުން ފަށައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހުން ދެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ށ.ފުނަދޫގައި ކުރިއަށްގެންދާ މި ބައްދަލުވުން ޚާއްސަކޮށްފައިވަނީ ށ އަދި ރ އަތޮޅުތަކުގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި ޚަތީބުންނަށެވެ.

ފުނަދޫގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގައި އެއަތޮޅުތަކުގެ އެކި ރަށްތަކުން 67 މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ށ. އަތޮޅުން 22 އިމާމުންނާއި 11 ޚަތީބުން ބައިވެރިވެއެވެ. އަދި ރ.އަތޮޅުން 26 އިމާމުންނާއި 8 ޚަތީބުން މި ބައްދަލުވުމުގައި ބައިވެރިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އިމާމުންނާއި ޚަތީބުންނަކީ މުޖުތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމުން ޒަމާނާ ގުޅުވައިގެން އެމީހުންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ހޭލުންތެރި ކުރުވުންކަމަށެވެ.

މި ބައްދަލުވުމުގައި ފިޤްހު، ޤްރުޢާން، ދިވެހިބަސް އަދި މިސްކިތުގެ ކަންކަން ބެލެހެއްޓުން ފަދަ ބައިތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް ފަސް ސަތޭކަ ފަންސާސް ފަސް މީހަކު ވަނީ ތަމްރީންކޮށްފައެވެ.