ޚަބަރު

ރައީސް ޔާމީންގެ ތަރައްޤީއަށް ނޫނެކޭ ބުނެވޭކަށް ނެތް- އަލްޙާން


ރާއްޖެއިން ފެންނަމުންދާ ތަރައްޤީއަށް ނޫނެކޭ ބުނެވެން ނެތްކަމަށާއި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަކީ ޤައުމީ ވާޖިބެއްކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޚާން ފަހްމީ ވިދާޅުވެއްޖެއެވެ.

"އެންމެނަށް ހިޔާ ޔަޤީން" ނަމުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ނާއިބު ރައީސްކަން ކުރައްވާފައިވާ އަލްޙާން ވިދާޅުވީ މިދިޔަ ތިރީސް ފަސް އަހަރުތެރޭގައި ރާއްޖެއިން ފެނިފައިނުވާ ތަރައްޤީ، ރައީސް ޔާމީންގެ ފަސް އަހަރުތެރޭގައި ފެނިގެން ހިނގައްޖެކަމަށެވެ. އަދި ތަރައްޤީއާއެކު އާއްމު ފަރުދުންގެ ދިރިއުޅުމަށްވެސް ބޮޑެތި ލުއިފަޞޭހަތަކެއް ލިބިފައިވާކަން އަލްޙާން ފާހަގަކުރެއްވިއެވެ.

އަލްޙާންގެ ވާހަކަފުޅުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަކީ ތަރައްޤީ ޔަޤީންކުރުމުގެ އިތުރުން އިސްލާމީ ވަހުދަތާއި ޤައުމިއްޔަތު ދެމިއޮތުމާއި ނެތުން ނިންމާ އިންތިޚާބެއްކަމަށެވެ.

"މިނިންމުން ނިންމުމަށްޓަކައި އަޅުގަނޑުމެން ނިކުންނަންޖެހެނީ 23 ވަނަ ދުވަހު. އަޅުގަނޑުމެން ކެރިގެން ބާރަށް ބުނަންޖެހެނީ ރައީސް ޔާމީނަށް އާނއެކޭ.. އަޅުގަނޑުމެންނަށް މިފެންނަނީ އުސް ޢިމާރާތްތައް.. ތިރީސް ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައީ.. އެވެރިކަންތަކުގައި ހިއްކި ވަރަށްވުރެ މާބޮޑު ބިމެއް ވަނީ ހިއްކާފައި.. އަދި ގިނަ އެޕާޓްމަންޓްތަކެއް މިވަނީ އެޅިފައި. އެހެން ވީމަ މިވަރުގެ ރައީސަކު، މިވަރަށް ކަންކަން ކޮށްފައި ދެއްކީމަ އަޅުގަނޑުމެންނަކަށް ނެތް ތަރައްޤީއަށް ނޫނެކޭ ބުނެވޭކަށް." އަލްހާން ވިދާޅުވިއެވެ.

އަލްޙާންގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކުން ވެރިކަން ހޯދަން ނިކުމެގެން އުޅެނީ އެއްވެސް ތަޞައްވުރެއް، ޕްލޭނެއް ނެތިކަން ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކުގައި ކޯލިޝަނެއް ހަދައިގެން އުޅެނީ އެކުވެރިކަމެއް އޮވެގެން ނޫންކަމަށާއި، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ހަދައިގެން އުޅޭ ކޯލިޝަނެއްކަމަށް އަލްހާން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އޮތީ މަޖުބޫރު ކައިވެންޏެއްގައި ފިތިފައި އޮތް އޮޕޮޒިޝަނެއް.. އެމީހުން އެކުވެގެން ކޯލިޝަން ހަދައިގެން އުޅެނީ ރުހިގެނެއް ނޫން.. ޤައުމަށްޓަކައި އެޖެންޑާއެއް، ސިޔާސަތެއް އޮވެގެނެއް ނޫން އެމީހުން އުޅެނީ.. އެކަން ވަރަށް ސާފުކޮށް އޮތީ ފެންނަން" އަލްހާން ވިދާޅުވިއެވެ.

އަލްހާންގެ ވާހަކަފުޅުގައި އޭނާ އެމްޑީޕީއާ ދުރަށް ދާންޖެހުނު ސަބަބުވެސް ހާމަކޮށްދެއްވިއެވެ. މިގޮތުން ޒުވާން ލީޑަރޝިޕެއް އައުމުން ނަޝީދުއަށް އެކަން ހަޖަމްނުވިކަމަށް އަލްޙާން ވިދާޅުވިއެވެ. އަދި ނަޝީދުގެ ފަހަތުގައި އެމްޑީޕީ އޮވެއްޖެނަމަ، އެޕާޓީ ފަރަށް އަރާނެކަން ޔަޤީންވިކަމަށް އަލްހާން ވިދާޅުވިއެވެ.