ޚަބަރު

އާ ރަންވޭ މިމަހުގެ 18ވަނަ ދުވަހު ހުޅުވަނީ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ މިމަހުގެ 18ވަނަ ދުވަހު ރަސްމީކޮށް ހުޅުވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރި ރަންވޭއަކީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރި އެންމެ ފެންވަރު ރަނގަޅު ރަންވޭކަމަށެވެ. އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރުޢުއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭ މަޝްރޫޢުއެއްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ބޭރު ޤައުމުތަކުގައި ރާއްޖެ ބަދުނާމުކުރުމަށް މަސައްކަތްކުރަމުންދާތީ، އެކަމަށް ރައްދުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކަކުން އިސްވެތިބެ އެއަރަލައިންތަކާއި، އެކި ޤައުމުތަކުގައި ރާއްޖެ ބާދުނާމުކުރުމަށް ދޮގު ވާހަކަތަށް ފަތުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށްއޮތް ބޮޑުނުރައްކަލެއްކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޢަމަލަކީ ޤައުމަކަށް، މީހަކަށް ވެވޭނި އެންމެ ބޮޑު ޣައްދާރުވުމުގެ ޢަމަލުގޮތުގައި މިނިސްޓަރވަނީ ސިފަކުރައްވާފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންމެޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފައިވަނީ މިރަންވޭއާ، އެއަރޕޯޓް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢަކީ މުޅިދުނިޔެއަށް ބަލާއިރުވެސް، އެންމެ ފެންވަރުރަނގަޅު މިފަދަ އެއް މަސައްކަތްކަމަށެވެ. އަދި ބައިނަލް އަޤުވާމީ މިންގަނޑުތަކާއި، ކުންފުނިތަކުން ލަފާދީގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގައި ތަރައްޤީކުރި ރަންވޭގެ އެކިއެކި ޓެސްޓްތައް މިހާރުވެސް ހަދަމުންދާކަމަށާއި، ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު ކޮމާޝަލް ދަތުރު ފެށުމުގެ ކުރިންވެސް ޚާއްސަ ހުއްދަތަކެއް ނަގާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ރަންވޭގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމެވެ. އާ ރަންވޭގައި ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައިވަނީ ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑު މަތިންދާބޯޓް އޭ.380 މަރުކާގެ ބޯޓެކެވެ.