ޚަބަރު

ރަސްދޫގައި ސާފު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


އއ.ރަސްދޫގައި ސާފު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އއ.ރަސްދޫގައި ސާފު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަތީންއާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލްއާއި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ އަށާވީސް މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އެމް.ޑަބްލިއު.އެސް.ސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއްއަހަރު ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން އއ.ރަސްދޫގައި ހަހާސް އެއްސަތޭކަ ފަސްދޮޅަސް މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އެމް.ޑަބްލިއު.އެސް.ސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ރަސްދޫގެ 315 ގެއަށް ސާފު ފެން ގުޅުމަށް ހަމަޖެހިފައިވާކަމަށް.

މި މަޝްރޫޢުގެ މަސައްކަތް އެއް އަހަރުތެރޭގައި ނިންމާނެކަމުގެ ޔަގީންކަން އެމް.ޑަބްލިއު.އެސް.ސީއިން ވަނީ ރަސްދޫގެ ރައްޔިތުންނަށް ދީފައެވެ. އެމް.ޑަބްލިއު.އެސް.ސީއިން މިއަދުވަނީ އއ.ތޮއްޑޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސަރވޭ، އަދި ޑިޒައިންގެ މަސައްކަތްވެސް ފަށާފައެވެ.
މި މަސައްކަތަކީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަށާފައިވާ މަސައްކަތެކެވެ.