ޚަބަރު

އެމްޑީޕީން ބޮޑު ޖަލްސާއެއް މާލޭގައި ބާއްވައިފި


އެމްޑީޕީން ބޮޑު ޖަލްސާއެއް މާލޭގައި ބާއްވައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު އެޕާޓީން މާލޭގައި ބޭއްވި ފުރަތަމަ ޖަލްސާއެވެ.

މިޖަލްސާއަށް ބައެއް ރަށްރަށުން މީހުން ހާޒިރުވެފައިވާއިރު، މިޖަލްސާގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ގިނަ ވައުދުތަކެއްވެފައެވެ. މިގޮތުން ސިވިލް ސަރވިސްގެ މުސާރަ ބޮޑުކުރާނެކަމަށް ވިދާޅުވިއިރު، މުސާރަ ބޮޑުކުރާނެ މިންވަރެއް ހާމައެއް ނުކުރެއެވެ.

މިޖަލްސާގައި ވާހަކަދައްކަމުން އިބްރާހިމް މުހައްމަދު ސާލިހު ވަނީ ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތުތައް އޮޅޭގޮތަށް ވާހަކަދައްކާފައެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ސިނަމާލެ ބުރިޖާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ވަނީ ދައްކާފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާކަމަށް ބުނެފައިވާއިރު، ރޭގެ ޖަލްސާގައި އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވަނީ ހީނަރުވެފައިކަމަށެވެ.

ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާއަކީ އެމްޑީޕީން ބޭއްވި ޖަލްސާއެއް ނަމަވެސް، އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންވެސް މިޖަލްސާގައި ބައިވެރިވިއެވެ.