ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ލ.ގަން ތުނޑީއަވަށު ބަނދަރު އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ލ.ގަން ތުނޑީއަވަށު ބަނދަރު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ލ.ގަން ތުނޑީއަވަށު ބަނދަރު ރައީސް އިފްތިތާހުކޮށްދެއްވީ ލ.އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތުނޑީއަވަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ގަމުގެ ބަނދަރުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ 27 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ 2017 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

މިއީ ދިގުމިނުގައި 500 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓުގެ ބަނދަރެކެވެ. އަދި ބަނދަރުގައި 25 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވާއިރު 12 މަގު ބައްތި ވަނީ ހަރުކޮށްފައެވެ. ލ. ގަމަކީ އާބާދީގައި 5000 މީހުން ދިރިއުޅޭ ރަށެކެވެ. ސަރުކާރުން ވަނީ ލ. ގަމުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް މީގެކުރިންވެސް ހިންގާފައެވެ.