ޚަބަރު

މިނިވަންކަން ނަގާލަން ގޮވާލާ ބަޔަކަށް އިތުރު ފުރުޞަތެއް ދޭކަން ނުޖެހޭ- ރައީސް

ދިވެހި ރައްޔިތުންގެ މިނިވަންކަމުގެ ޙައްޤު ނަގާލައި، ބޭރުގެ ބާރުތަކަށް ފުރުޞަތުދޭން ގޮވާލާ ބަޔަކަށް ދިވެހިން ފުރުޞަތުދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ލ.މާމެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ ޤައުމުތަކުގެ އިންތިޚަބުތަކާއި އެޤައުމުތަކުގެ އެރެތޭގެ ކަންކަމާއި ރާއްޖެއިން ނުބެހޭއިރު، ރާއްޖޭގެ ދާޚިލީ ކަންކަމާއި އެފަރާތްތަކުން ބެހިގެން ނުވާނެކަމަށެވެ. އަދި ދިވެހިން ރާއްޖޭގައި އުޅެން ބޭނުންވާ ގޮތަކަށް އުޅުމުގެ ފުރުޞަތު ދޭންޖެހޭނެކަމަށާ، މިޙައްގު ދިވެހީންގެ އަތުން ނަގާލުމަށް ގޮވާލަމުންދާ ބަޔަކަށް އިތުރު ޖާގައެއް ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.

"ރާއްޖެއިން ބޭރުގެ ފަރަތްތަކުން ރާއްޖޭގައި ހިނގާކަންކަމާއިބެހެނީ ކީއްވެތޯ؟ އަޅުގަނޑުމެން ކިތައްޤައުމުގެ އިންތިޚާބާއި އެބަ ބެހެންތޯ؟ އަޅުގަނޑު މެން ނުބެހެން. އެހެންވީމަ މިކުޑަކުޑަ ރާއްޖޭގެ ރައްޔިތުން ދިވެހިރާއްޖޭގައި އުޅެން ބެނުންވާ ގޮތަށް އުޅުމުގެ ޙައްގު އަޅުގަނޑުމެނަށް ލިބެންޖެހޭ. މިޙައްގު ނަގާލަން ގޮވާލަނީ ކޮންބައެއްތޯ؟ އަލުގަނޑުމެންގެ ވާދަވެރިން. ދެން ކީއްވެތޯ އެފަރަތްތަކަށް ޖާގަދޭންވީ؟" ރައީސް ވިދާޅުވިއެވެ.

ލ.މާމެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ކަމެއް ގޯސްކޮށްދާނަމަ އެކަން ޤާނޫނީ އިމުގެ ތެރެއިން ރަނގަޅުކުރުމުގެ ބާރު ކޮންމެ މީހަކަށްވެސް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނަަށް ކަމެއް ގޯސްކޮށްކުރެވިފައިވާނަމަ އެކަން ވިދާޅުވާންޖެހޭ ކަމަށާ، ނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ އޭގެ ބަދަލުގައި އަބުރައް އަރައިގަތުން ކަމަށެވެ. ރައީސް ވިދާޅުވީ، އަބުރު އޮންނަނީ ހަމައެކަނި ރައީސްގެ ނޫންކަމަށާ ކޮންމެ ދިވެއްސެއްގެވެސް އަބުރެއް އޮންނާނެކަމަށެވެ.

ލ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ އެއަތޮޅު ހިތަދުއާއި މާމެންދޫގައި ސަރުކާރުން ހިންގާފައިވާ އެކި މަޝްރޫޢުތައް ފައްޓަވާދެއްވާފައެވެ.