ފިކުރީ ޙައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައްކަލަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށް އިންތިހާއަށް ކުރާނެކަމެއްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ފިކުރީ ޙައްދުފަހަނައެޅުމާއި، ޓެރަރިޒަމްގެ ސަބަބުން ދިވެހިރާއްޖެއަށް ހުރި ނުރައްކާތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދު ބަރޯސާވާ ހުރިހާ ދާއިރާއެއްގެ ޙިއްސާ އޮންނަ މައި ދާއިރާކަމަށެވެ. އެހެންކަމުން ސްކޫލް ދުވަސްވަރުގައި އެ ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކާއި، ވިސްނުމާއި، އެހެނިހެން ކަންކަން ރަނގަޅަށް ދެނެގަނެ އެކުދިން ވަޒީފާގެ މައިދާނަށް ނިކުންނަންވާއިރަށް ކުދިންގެ އަޚުލާޤު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކޫލް ނިންމައި ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަ ޒުވާނުންގެ ކިބައިން މިފަދަ ޢަމަލުތައް ފެންނަނަމަ އޭގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ ކަންކަން ފާހަގަކޮށް ރަނގަޅުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެވޭނެ އެއް މާހައުލަކީ ސްކޫލްގެ މާހައުލު ކަމަށެވެ.
މިނިސްޓަރ ވަނީ ހައްދުފަހަނައަޅައި ދިއުމާއި، ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި މާލެއާއި، މާލެ ކައިރީ ސަރަހައްދުތަކުގެ ރަށްރަށުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ އިސްވެރިން ބައިވެރިވިއެވެ. މި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރް ވިދާޅުވީ، މި ބައްދަލުވުމުގައި، ކިޔަވާކުދިންނާއި ޒުވާނުންގެ ކިބައިން ޢާއްމުކޮށް ފެންނަ ޢަމަލުތަކާއި، ފިކުރީ ބައިބައިވުމުގެ ނުރައްކަލާއި، އެފަދަ ކުދިން ދެނެގަންނާނެގޮތާއި، އެކަންކަން މުޖުތަމަޢުން މަދުކުރުމަށް ކުރާނެ ކަންކަން ކިޔައިދޭނެކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ އެއްދުވަހަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.