ޚަބަރު

އޮބާމާގެ ހަރުކަށި ފާޑުކިއުން ޓްރަމްޕަށް


ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ގޮވާލާ ދެއްވި ވަރުގަދަ ތަޤުރީރެއްގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީއަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

ޔުނިވަރސިޓީ އޮފް އިލިނޯއީގައި ދެއްވި ތަޤުރީރެއްގައި އޮބާމާ ވިދާޅުވެފައިވަނީ، އެމެެރިކާގެ ރައްޔިތުންނާ މިއަދު ކުރިމަތިވެފައިމިވަނީ ނުރައްކާތެރި ވަގުތެއްކަމަށާއި، ރިޕަބްލިކަން ޕާޓީން މިއަދު ވަނީ އެމެރިކާއިން ފަރުވާތެރިކަމާއެކު ބަދަހިކުރި ބައިނަލްއަޤުވާމީ އެތައް ގުޅުމެއްގެ އަގުވައްޓާލާފައިކަމަށާއި، ރަޝިޔާ އާ އެކު ގާތްގުޅުމެއް އުފައްދާފައިކަމަށާއި، އެމެރިކާގެ މަރުކަޒީ ދަރަނި އާދަޔާ ޚިލާފަށް ބޮޑުކޮށްފައިކަމަށެވެ. އެހެންކަމުން ނޮވެމްބަރުމަހުގެ ހަވަނަ ދުވަހުގެ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ އަޑު އިއްވުމުގެ މުހިއްމުކަން އޮބާމާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތާ ހަވާލުވެވަޑައިގަތީއްސުރެ ސިޔާސީ މައިދާނާ ދުރުގައި ހުންނެވި އޮބާމާ ޔުނިވަރސިޓީ އޮފް އިލިނޯއީގައި ދެއްވި ތަޤުރީރެއްގައި ވަނީ ރިޕަބްލިކަން ޕާޓީން އެ ޕާޓީ ތަމްސީލުކުރާ ރައީސްގެ ސިޔާސަތުތަކުގެ ހެޔޮ ނުބަޔާ ދޭތެރޭ ނުވިސްނާތާ، އެމެރިކާގެ ޑިމޮކްރަޓިކް ނިޒާމު ހިމާޔަތްކުރުމާ ދޭތެރޭވެސް ނުވިސްނާކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރަޓިކް ޕާޓީން އަދ ރިޕަބްލިކަން ޕާޓީންވެސް ދަނީ، ނޮވެމްބަރުމަހުގެ ހަވަނަ ދުވަހުގެ އިންތިޚާބުގައި ވޯޓުލުމަށް ޢާއްމުންނަށް ގޮވާލަމުންނެވެ. ޑިމޮކްރަޓުން އެދޭ ގޮތަށް ޓްރަމްޕްގެ އެޖެންޑާ ހުއްޓުވޭނީ، އެ ޕާޓީން، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މަދުވެގެން ތޭވީސް ގޮނޑި އާއި ސެނެޓުގެ ދެ ގޮނޑި ކާމިޔާބުކޮށްގެންނެވެ.