ޚަބަރު

ގޮވާލަންވީ ބިރު ފަހަނައަޅާ ދިއުމަކަށް ނޫން، ގޮވާލަންވީ ﷲއަށް ބިރުވެތިވުމަށް- ޝައިޚް ފިކްރީ


ޒުވާނުންނަށް ގޮވާލަންވީ ބިރުފަހަނައަޅާ ދާން ނޫންކަމަށާއި އެކުދިންނަށް ނަސޭޙަތްތެރިވާންވީ މާތް ﷲ އަށް ބިރުވެތިވުމަށްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

މުޖްތަމަޢުގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމަށް ޢިޝާރާތްކޮށް ވާހަކަފުޅުދައްކަވަމުން ޝައިޙް ފިކްރީ ވިދާޅުވީ މީސްތަކުން އެމީހުންގެ ލަދުޙަޔާތް ކަނޑާލާފައި މުޖްތަމަޢު ތެރެއަށް ނުކުމެ އެމީހުން ހިތުހުރި ގޮތަކަށް އުޅެން ގޮވާލި ޒަމާނެއް މިނޫނީ ނާންނަކަމަށެވެ. އަދި އަޅުގަނޑުމެންގެ ޒުވާނުންނަށް ގޮވާލަންވީ ބިރުފަހަނައަޅާދާން ނޫންކަމަށާއި އެކުދިންނަށް ނަސޭޙަތްތެރިވާންވީ އިސްލާމްދީނާއި ކައިރިއަށް އައުމަށާއި ﷲ އަށް ބިރުވެތިވުމަށްކަމަށް ފިކްރީ ވިދާޅުވިއެވެ.

ޝައިޚް ފިކްރީ ވިދާޅުވީ ދުނިޔޭގައި ބޮޑެތި ޖަރީމާތައް ހިންގާފައި، ޙުކުމްތަކަށް ފިލައިގެން ނުވަތަ ތަޙުޤީޤުތަކަށް އޮޅުވާލައިގެން ކުށުން ސަލާމަތް ވެވިދާނެކަމަށާއި ނަމަވެސް އާޚިރަތުގައި އެހުރިހާ ކަމަކާއި ކުރިމަތިލާންޖެހޭނޭކަމަށެވެ.

ޝައިޙް ފިކްރީގެ ވާހަކަފުޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ މިނިވަންކަމަށް ގޮވާލާ ބައެއްގެ ފަހަތުގައި ތިބެގެން ޢަދުލު އިންސާފު ޤާއިމު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބައެއްގެ ފަހަތަށްގޮސް އިސްލާމްދީން ޙިމާޔަތް ކުރާ ވާހަކަ ނުދެއްކުމަށްވެސް ޝައިޚް ގޮވާލެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލިވެފައިވާ މިދުވަސްވަރު، އެކިއެކި ޕޯޑިއަމްތަކުގައި ދީނަށް ނިސްބަތްވާ ބޭފުޅުންގެ ޢަމަލުތައް ހުރިގޮތުން ޢާއްމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ދީނަށްކުރާ ފައިދާއެއް ނެތްތާނގައި، މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދުން ނޫންކަމެއް ނުވާނެކަމަށް ދީނީ ޢިލްމުވެރިން ދަނީ ހާމަކުރަމުންނެވެ.