ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ މީހުންގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ، އެމީހެއްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވި، އިތުރުކުށެއްނުކޮށް، 5 އަހަރުވެފައިވާ މީހުންނަށް ކްލެމެންސީގެ ފުރުޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި، ރައީސް މިގޮތަށް ނިންމަވާފައިވަނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، އެ މައްސަލަ ބެލިއިރު، މިފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމަޢުގައި ހެޔޮގޮތުގައި އުޅުމުގެ ފުރުޞަތެއް ދެއްވުމަށް ރައީސަށް ފެނިވަޑައިގަންނަވާތީކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވި ސަބަބުތަކުގެ ތެރޭގައި، ޣައިރު ހާޒިރުގައި ހުކުމްކުރެވި، ހުކުމް ތަންފީޒް ކުރަމުންދާތާ 18 ނުވަތަ 15 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މީހުން ތިބިއިރު، މިފަދަ ގިނަ މީހުންނަކީ މިހާރު، ޢައިލާއެއް ފަށައި، ދިރުއުޅުމެއް ބިނާކޮށް ވަޒީފާ އަދާކޮށް، މުޖްތަމަޢުގައި ކުށުން ދުރުގައި ދިރިއުޅުމެއް ފަށައި، މުޖްތަމަޢުގެ އެހެން މީހުން ފަދައިން ދިރިއުޅެމުން ގެންދާ ބަޔަކަށް ވުމާއި، މިފަދަ ޙާލަތުގައި އެފަދަ މީހުން ކުށުގެ ވެއްޓަށް އަނބުރާ ފޮނުވާލުމަށްވުރެ، އެމީހުންނަށާއި އެމީހުންގެ ދަރިންނާއި ޢާއިލާއަށް އަދި މުޖްތަމަޢަށްވެސް ފައިދާ ބޮޑުވާނީ އެމީހުންނަށް މުޖުތަމަޢިން އިތުރު ފުރުޞަތެއް ލިބިދިނުންކަމަށް ރައީސަށް ފެންނާތީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށްފަހުގައެވެ. މި ފުރުޞަޠުގެ ދަށުން މަޢާފުދޭން ހަމަޖެހިފައިވަނީ މިހާރު ކުށުންދުރުގައި 5 އަހަރުހޭދަކޮށް، ޢާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ޤައުމަށް ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށެވެ.
މިގޮތަށް ހަމަޖެއްސެވި ނަމަވެސް މިފުރުޞަތުގެ ދަށުންވެސް، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ މީހަކަށް ފުރުޞަތު ނުލިބޭނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ރައީސްގެ ނިންމެވުމާގުޅިގެން، މިފަދަ މީހުންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމަށް ހޯމް މިނިސްޓްރީއަށް އަންގާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.