ފޮޓޯ

ކެމްޕެއިންގެ ތެރެއިންވެސް ޑރ.ޝަހީމްގެ ލޯތްބާއި އަޅާލުން ތުއްތުކުދިންނަށް

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ކުޑަކުދިންނަށް ނަސޭހަތްދެއްވަނީ
ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ.ޝަހީމް ކުޑަކުދިންނާ ވާހަކަފުޅު ދައްކަވަނީ

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، މި ބޮޑު ޖިހާދުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިން މޭޓުންގެ ޙަރަކާތްތައް ފެނިގެންދަނީ އިހުނަށްވުރެ ހަލުވި ދުވެލީގައެވެ. ސީދާ އެއްލަކިން ތަނަވަސް އަޣްލަބިއްޔަތާއެކު އިންތިޚާބު ކާމިޔާބު ކުރައްވާނޭ ކަމަށް ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިން މޭޓް ގެންދަވަނީ ހަރު އަޑުފުޅުން ވިދާޅުވަމުންނެވެ.

ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރެއްވުމަށް ދެ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިން މޭޓުންގެ ޙަރަކާތްތައް އިތުރު ކުރައްވާފައިވާއިރު މީގެ ތެރެއިންވެސް ރައީސް ޔާމީނުގެ ރަނިން މޭޓް ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެންނަމުންދަނީ މުޅި ތަފާތު މަންޒަރުތަކެކެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ.ޝަހީމް ކުޑަކުއްޖަކާއެކު
ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ކުޑަކުއްޖަކާ ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ޑރ.ޝަހީމް އައްޔަން ކުރެއްވި، ކެމްޕެއިން ހަރަކާތްތަކަށް ނުކުންނެވި ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ދަނީ ތުއްތު ކުދިން ދެކެ ވަރަށް ލޯބިފުޅުވާ އެ ކުދިންނަށް ޚާއްޞަ އިސްކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ

ރައީސް ޔާމީނުގެ ރަނިން މޭޓް ޑރ.ޝަހީމް އަތޮޅު ތެރެއަށް ވަޑައިގަންނަވާތީ ރަށްރަށުގެ ބަނދަރު ޞަރަޙައްދު ފިޔާތޮށި ކުލައިން ޖަރީކޮށްލާފައި އޮންނައިރު، އެމަނިކުފާނުގެ އިސްތިޤްބާލުގައި މަރުހަބާ ދަންނަވަން ނުކުމެ ތިބޭ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުން ގޮސް ތިބޭ ތުއްތު ކުދިންނަށް ޑރ.ޝަހީމް ޚާއްޞަ އިސްކަމެއް ދެއްވާ ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އެކުދިން އުރާލައްވާ އެކުދިންނާ ސަކަރާތް ޖައްސަވާ ހެއްދެވުމަކީ ފެނިގެންދާ އުފާވެރި މަންޒަރު ތަކެކެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ކުޑަކުއްޖަކު ކޮނޑަށް ލައްވައިގެން

ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރެއްވުމަށް ޑރ.ޝަހީމް ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ކުރިއަށް ގެންދަވާ ކެމްޕެއިން ޙަރަކާތްތަކާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަކަށް އެމަނިކުފާނު ގެންދަވަނީ ތުއްތު ކުދިންނަށް ވަޤުތު ދެއްވާ އެކުދިންނާއެކު ކުޅެ ހައްދަވާ އެކުދިންނަށް އުނގަންނައިދެއްވާ ނަސޭޙަތްތެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ދީނީ ގޮތުން މަތީ ތަޢުލީމް ޙާޞިލު ކުރައްވައިގެން ހުންނެވި ޑރ.ޝަހީމް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޢުލީމްގެ ބޭނުން އެއްމެ ހެޔޮ ގޮތުގައި ހިތްޕަވަމުން ގެންދަވާކަމީ ކޮންމެ ދިވެހި ދަރިއަކުވެސް އުފަލާއެކު ބަލައިގަންނަމުން އަންނަ ކަމެކެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ކުޑަކުއްޖަކާ ވާހަކަފުޅު ދައްކަވަނީ

ޑރ.ޝަހީމް މިހާރު ދަތުރުފުޅު ކުރައްވަމުން ގެންދަވާ ށ.އަތޮޅުގައިވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. އެއްމެ ސިކުންތުކޮޅެއްވެސް ބޭކާރުކޮށް ނުލައްވާ ރެޔާއި ދުވާލު ވަރުބަލިފުޅު ކަމެއް ނެތި ކުރިއަށް ގެންދަވާ ޙަރަކާތްތަކުގައިވެސް ތުއްތުކުދިންނަށް ދެއްވާ އިސްކަން ވަނީ އިތުރު ކުރައްވާފައެވެ. އެގޮތުން މަރޮއްޓަށް ވަޑައިގެން އެރަށު ކުދިންނާއެކު ވަގުތު ހޭދަކޮށްލެވުމަށް ޝަހީމް ގެންގުޅުއްވި ޙަރަކާތްތަކަކީ މިހާތަނަށް އެއްވެސް ކެންޑިޑޭޓެއް އަދި ރަނިން މޭޓެއްގެ ފުށުންވެސް ފެނިފައި ނުވާފަދަ އަޖައިބު ކުރުވަނިވި މަންޒަރު ތަކެކެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ތުއްތު ކުއްޖަކު އުރުއްވައިގެން

ޑރ.ޝަހީމް މަރޮށީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ބޭރަށް ނުކުމެ ވަޑައިގެންނެވިތަނުން އެމަނިކުފާނަށް ފެނިވަޑައިގެންނެވީ ކުޅިވަރު ކުޅުމުގައި ފޯރިނަގަމުންދިޔަ ތުއްތު ކުދިން ކޮޅެކެވެ. ހަމައެއާއެކު ޑރ.ޝަހީމްގެ ކެމްޕެއިން ހަރަކާތްތައް އެއް ފަރާތްކޮށްލެއްވުމަށްފަހު، އެ ކުދިންގެ ކައިރިއަށް ވަޑައިގެން އެކުދިން އެއްކޮށްލަވާ އެކުދިންނާއެކު ހޭދަކޮށްލެވި ވަގުތުތަކުގެ ތެރޭގައި ޑރ.ޝަހީމް ވަނީ ދީނީ ގޮތުން އެކުދިންނަށް ވަރަށް ގިނަ އެއްޗެހިތަކެއް ބުނެދެއްވާ ހެޔޮ ނަޞޭހަތް ދެއްވާ މައިން ބަފައިންގެ ބަސް އަހާ ހެޔޮލަފާ ރަނގަޅު ކުދިންތަކަކަށް ވުމަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ތުއްތު ކުއްޖަކު އުރުއްވައިގެން

ޑރ.ޝަހީމްގެ ކެމްޕެއިން ހަރަކާތްތަކާއި އެއްވަރަށް އެމަނިކުފާނަށް ލިބި ވަޑައިގެން ހުންނެވި ތަޢުލީމުގެ މަންފާ މާދަމާއަށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާން ގެންދަވީ ރަށްރަށުން ބައްދަލުވާ ކުޑަކުދިންނަށް ކީރިތި ޤުރުއާން ފިލާވަޅުތައް ނަންގަވައިދެއްވާ، އެކުދިންގެ ކިޔެވުން އަޑު އައްސަވާ، އިތުރަށް އެކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރެވިދާނެ ކަންކަމާމެދު ތުއްތުކުދިންގެ ބެލެނިވެރިންނާ މަޝްވަރާ ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް ކުޑަ ދެކުންނާއެކު ސެލްފީއެއް ނަންގަވަނީ

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމަކީ ދީނީ ރޮނގުން އެއްމެ މަތީ ފާސްތައް ނަންގަވައިގެން ޢިލްމާއި ހިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވީ އިރު، އެމަނިކުފާނުގެ ކިބައިން މިއަދުވެސް ފެނިގެންދަނީ އަމިއްލަ މަސްލަޙަތު އިސްކުރެއްވުމުގެ ބަދަލުގައި ލިބިވަޑައިގެން ހުންނެވި ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް މަސައްކަތްޕުޅު ކުރައްވާ މަންޒަރެވެ. އެހެން ކަމުން ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް ލޯތްބާއި ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މަންޒަރުދަނީ ފެންނަމުންނެވެ.