ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ފާއިތުވެދިޔަ 4 އަހަރުދުވަހުގެތެރޭގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްޤީއާއި ކުރިއެރުން ދިވެހިރައްޔިތުން ބަލައިގަންނަކަމުގެ މަންޒަރު މުޅިރާއްޖެއިން ދަނީ ފެންނަމުންކަމަށާ، މާދަމާ ރިޔާސީ އިންތިޚާބު ބޭއްވިޔަސް %80 އަށްވުރެ ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން މިއިންތިޚާބު ކާމިޔާބުކުރައްވާނެކަމާމެދު އެއްވެސް ޝައްކެތް ނެތްކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިންމަނިކު ވިދާޅުވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއްކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، 2017 ވަނަ އަހަރުގެ ނިޔަލަށް މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރައްވާފައިވާ ހޭދަ، 88.8 ބިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށެވެ. ރައީސް ޔާމީން އަތޮޅުތަކުގެ ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ އެމަނިކުފާނަށް ދަންނަވަމުންދާ މަރުޙަބާއާއި، އުފާވެރިކަމުގެ ޝުޢޫރުތަކުން އެކަނިވެސް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ތިބިގޮތް ސާފުކޮށް ފެންނަމުންދާކަމަށް ނިހާން ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނިހާންވަނީ ދާދިފަހުން ހިނގާފައިވާ ބައެއް މާރާމާރީތަކާބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ ދުވަސްތަކުގައި މުޅިރާއްޖޭގައި އަމާންކަމާއި ސުލްޙަވެރިކަން ޤާއިމުކުރައްވާފައިވާކަމަށާ، އެކަމަށް ދިވެހިރައްޔިތުން ހެކިވާނެކަމަށެވެ. ރިޔާސީ އިންތިޚާބަށް ކުޑަދުވަސްކޮޅަކަށްވެފައިވަނިކޮށް ކުއްލިއަކަށް ނަޔަކު ހިންގަމުންދާ މިފަދަ ހަމަނުޖެހުންތަކާމެދު ސުވާލުއުފެދޭކަމަށް ނިހާން ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ރައްކާތެރި އަމާން މާޙައުލެއް ނެތްކަން ދެއްކުމަށް އިދިކޮޅު އެމްޑީޕީން ރާވައިގެން ހިންގާ ކަމެއްނޫންތޯ ސުވާލުއުފައްދަވައި ނިހާންވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ.
ނިހާން ވިދާޅުވީ، ރިޔާސީ އިންތިޚާބު 2018 އަކީ ރައީސް ޔާމީން ކާމިޔާބުކުރައްވާނެ އިންތިޚާބެއްކަން ވަރަށް ސާފުކަމަށެވެ. އެހެންކަމުން އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި އެމީހުންގެ ޢަމަލުތަކާމެދު ދިވެހިރައްޔިތުން މިދުވަސްވަރު ވަރަށްބޮޑަށް ސަމާލުވުމަށް ނިޙާން ގޮވާލެއްވިއެވެ.