ދުނިޔޭގެ ދެވަނަޔަށް އެންމެ ރީތި ޖަޒީރާ ޤައުމަކަށް ރާއްޖެ ހޮވިއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު މަޖައްލާ ކޮންޑޭ ނާސްޓް ޓްރެވެލަރ އިން ދޭ ރީޑާޒް ޓްރެވަލް އެވޯޑްސްގައި ރާއްޖެ އަށް ދެވަނަ ލިބުނީ ދުނިޔޭގައި މަޝްހޫރު 20 ޖަޒީރާ މަންޒިލާ ވާދަކޮށް ގެނެއެވެ. މިފަހަރު އެންމެ ރީތި ޖަޒީރާ ޤައުމަކަށް ހޮވުނީ ގްރީކް އައިލޭންޑްއެވެ. ލިސްޓުން ދެވަނަ ރާއްޖެ ހޯދިއިރު ތިން ވަނަ ލިބުނީ ބެލެރިކް އައިލެންޑްސްއަށެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި އެވޯޑު ހަފުލާގައި، ރާއްޖޭގެ ފަރާތުން އެވޯޑާއި ހަވާލުވީ އިނގިރޭސިވިލާތަށް ކަނޑައަޅުވާފައިހުންނަވާ ދިވެހި ސަފީރު އަޙްމަދު ޝިޔާންއެވެ.
މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ކޮންޑޭ ނާސްޓް ޓްރެވެލަރ މަޖައްލާއިން ދޭ ރީޑާޒް ޓްރެވަލް އެވޯޑަކީ މަޖައްލާ ކިޔާ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުން ދޭ އެވޯޑެކެވެ. މީގެ ކުރިންވެސް ރާއްޖެވަނީ މި އެވޯޑް ހާސިލްކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު ޖަޒީރާ ޤައުމުތަކުގެ ތެރެއިން އެންމެ ރީތި ޤައުމަކަށް ރާއްޖެ ހޮވުނެއެވެ.