ޚަބަރު

ޒުވާނުންނަކީ ޤައުމުގެ ރައުސުލްމާލު- ރައީސް


ޒުވާނުންނަކީ ޤައުމުގެ ރައުސުލްމާލް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި، މިއަދު މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ޒުވާނުންނަކީ ޤައުމުގެ ރައުސުލްމާލްކަން ފާހަގަ ކުރައްވައި، ޒުވާނުންނަށް ތަޢުލީމީ ފަހި ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އެގޮތުން ތައުލީމީ ދާއިރާއަށް އަންނަމުންދާ އިންޤިލާބީ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެންނެވި ހެޔޮ ބަދަލުތަކުގެ ނަތީޖާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރުބިއްޔަތާއި ތަޢުލީމުގެ ދާއިރާއަށް ބަލާއިރު ދިވެހި ދަރިވަރުން ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުންނާއި، ދުނިޔޭގެ ފެންވަރުގެ ބޮޑެތި އިމްތިޙާންތަކުން ހޯދަމުންދާ ރަންވަނަތައް ފާހަގަކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

މިސަރުކާރުން ޒުވާނުންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސްކޮލަރޝިޕްތަކާއި، އެހެނިހެން ތަޢުލީމީ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރި އަދި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދެދުވަހުގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ހިންގި ފެނުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.