ޚަބަރު

ރައީސް މައުމޫނު ޖަލަށް ވަޑައިގަންނަވަންޖެހުނީ ނަޝީދު އަޑީގައިހުރެ ކުރި މަސައްކަތުން - ނިހާން


ކުރީގެ ރައީސް މައުމޫނު ޖަލަށް ލާނެކަމަށް ކުރީގެރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށާ، އެކަން މިއަދު އެމަނިކުފާނު ވަރަށް ރަނގަޅަށް ޙާސިލުކޮށްފިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ އދ.މަހިބަދޫ މަގުހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހަކަދައްކަވަމުންނެވެ. ނިހާން ވިދާޅުވީ ރައީސް މައުމޫނު ޖަލަށް ލުމުގެ ރޭވުމަކީ ނަޝީދުގެ ރޭވުމެއްކަމަށާއި އެކަން ކާމިޔާބުކޮށްފިކަމަށެވެ. އަދި ރައީސް ނަޝީދު އަޑީގައި ހުރެގެން ކުރި ކަންތައްތަކެއްގެ ސަބަބުން، ދިގުމުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވި ކުރީގެ ރައީސަކާމެދު ކަންތައް ވެގެން ދިޔަގޮތްފެނި އެކަމާ ހިތާމަކުރައްވާކަމަށްވެސް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ރޫޙާނީ ލީޑަރެއްގެ ގޮތުގައު ހުންނަވައިގެން މުޙައްމަދު ނަޝީދު ދީނާ ބެހޭގޮތުން ދެއްކެވި ވާހަކަތައް ދިވެހިން ހަނދާން ނުނެތޭކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވީ މަހިބަދޫގެ ރައްޔިތުން ވަކި މީހަކަށް ތާޢީދުކުރާތާ ވިއްސަކަށް އަހަރު ވެއްޖެކަމަށާ، އެހެން ނަމަވެސް އެބޭފުޅާގެ ފަރާތުން މަހިބަދޫއަށް ވީއެއްވެސް ފައިދާއެއް ނެތްކަމަށް ޠާރިޤް ވިދާޅުވިއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ޠާރިޤް ވަނީ ފާއިތުވި އަހަރު ތަކުގައި މަހިބަދޫ ރައްޔިތުން ވަކި ފަރާތަކަށް ވޯޓު ދެއްވާފައިވާއިރު، މިއަދު ރާއްޖޭގެ އަތޮޅުތަކުން ފެންނަމުންދާ ތަރައްޤީއަށް ބެލުމަށްފަހު ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.