ޚަބަރު

މުޢިއްޒުގެ ސުވާލު: އިސްލާމްދީނަށް ދެރަ ނިކަމެތިކަން މެދުވެރިކުރުވި ފަރާތްތަކުގެ ފަހަތުގައި، ކީކޭ ކިޔަންތޯ ތިއުޅުއްވަނީ؟


ރާއްޖޭގައި އިސްލާމްދީނަށް ދެރަ ނިކަމެތިކަން މެދުވެރިކުރުވި ފަރާތްތަކުގެ ފަހަތުގައި، ދީނީ ޢިލްމުވެރީންނާއި ދީން ހިމާޔަތްކުރަން އުފެއްދި ޕާޓީގެ ފަރާތްތަކުން މަސައްކަތް ކުރައްވަނީ ކީއްވެތޯ ސުވާލުކުރައްވާ، އިދިކޮޅު ފަރާތްތަކަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒުވަނީ، އިސްލާމްދީން ހިމާޔަތްކުރުމުގެ ނަމުގަ އުފެއްދި އަދާލަތު ޕާޓީއާއި އެޕާޓީގެ ބައެއް އިލްމުވެރިންނަށް ވަރުގަދަ ސުވާލެއް ކުރިމަތި ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަށް ދެރަ ނިކަމެތިކަން މެދުވެރިކުރުވި ފަރާތްތަކުގެ ފަހަތުގައިތިބެ، އެބޭފުޅުން ކިޔަންއުޅެނީ ކީކޭތޯ ސުވާލުކުރައްވާފައެވެ. އަދި އިސްލާމްދީނަށް ނިކަމެތިކަން މެދުވެރިކުރުމަށް ކުރި ކަންކަން އަދާލަތު ޕާޓީއަށާއި ޢިލްމުވެރިންނަށް ރަނގަޅަށް އެނގޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން 7 ފެބުރުއަރީގައި ނަޝީދުގެ ވެރިކަން ވެއްޓުނުއިރު މުލިއާގޭގައި ހުރި މިސްކިތް ބޭނުންކުރީ ބަނގުރާ ރައްކާކުރާ ގުދަނެއްގެ ގޮތުގައިކަމަށާއި އެކަން އެނގިހުރެ، އިސްލާމްދީނަށް ނިކަމެތިކަން މެދުވެރިކުރުވި މީހުންނާއެކު ނިކުމެ ދައްކާނެ ވާހަކައެއް ނޯންނާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވޭ، ވަރަށް އަސަރާއެކު ސުވާލުކޮށްލަން ބޭނުންވޭ. އޭބޭފުޅުންނަށް ހަމަރަނގަޅަށް އެނގިވަަޑައިގަންންވާނެ ވޭތުވެދިޔަ މާޒީގައި، މިސާލަކަށް ދަންނަވަންޏާ 7 ފެބުރުއަރީގައި 2012ގައި. އެދުވަހު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވާފަ ރައީސް ނަޝީދު ގެޔަށްވަޑައިގެންނެވި ދުވަހު ފުލުހުންނާއި ސިފައިންގޮސް މުލިއާގެތެރެއަށް ވަންއިރުގައި، އެތަނުގައި ހުރި މިސްކިތް ތެރެއިން ނެރުނީ ޚަތިމުތޯ ނޫނީ ރާފުޅިތޯ؟ މިއީ ސީރިއަސް ވާހަކައެއް. އެތާހުރި މިސްކިތް ބޭނުންކޮށްފަހުރީ ރާ ގުދަންކުރާ ގުދަނެއްގެ ގޮތުގައި. އެތަނުން ނެރުނީ ރާ ކޭސްތައް. އެހެންވީމަ، މިކަންވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާއިރު ކީއްވެތޯ މިހާރު މިއުޅޭނީ، މިރާއްޖޭގެ އިސްލާމްދީނަށް ދެރަ ނިކަމެތިކަން މެދުވެރިކުރުވި ފަރާތްތަކުގެ ފަހަތުގައި، ކީކޭ ކިޔަންތޯ މިހުރިހާ ބޭފުޅުން މި އުޅެނީ." މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ވަރަށް އަސަރާ ޖޯޝާއެކު ވާހަކަ ދައްކަވަމުން ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިސްލާމްދީނަށް ނިކަމެތިކަން ކުރިމަތިކުރުވި މީހުންނާއެކު، އެކަންއެނގި ތިބެ މަސައްކަތްކުރުމަކީ ސީރިއަސް ކަމެއްކަމަށެވެ. އެކަމަށް ހެޔޮވިސްނޭ ރައްޔިތުން ފުރުސަތު ނުދިނުމަށް މިނިސްޓަރ އެދިވަޑައިގަތެވެ. އަދި 23 ސެޕްޓެމްބަރަކީ ރާއްޖެ މިހާރު މިދެކޭ ތަރައްޤީ ދަމަހައްޓާނީތޯ ނުވަތަ ފަހަތަށް ފިޔަވަޅު އަޅާނީތޯ، ރައްޔިތުން ނިންމާ މުހިއްމު ދުވަހެއްކަމަށާއި، ތަރައްޤީ ދެމެހެއްޓޭނީ ރައީސް ޢަބްދުﷲ ޔާމީނަށް ވޯޓި ދެއްވައިގެންކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ މަހިބަދޫ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ކާމިޔާބީ ފާހަގަކުރެއްވިއެވެ.