ދިވެހިރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ އަމާން ނަގާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކޮށްފިއެވެ.
މާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ޒުވާނަކު މަރާލުމާ ގުޅިގެން ޕޮލިހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްއޭ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤްކުރަމުންދާކަމަށެވެ. އަދި ދިވެހިރާއްޖެ ހަލަބޮލިކޮށް، ވަކިން ހާއްޞަކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމަށްޓަކައި ކުށްކުރުމުގެ ރޫޙް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެކަމަށްވެސް ޕޮލިހުގެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، މިފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްޞަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާކަމަށްވެސް މިބަޔާނުގައިވެއެވެ. އަދި ނުރައްކާތެރި ޢަމަލުތަކަށް މަގުފަހިވާގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ޢަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ޤާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަމަށްވެސް މިބަޔާނުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.